އިސްރާއީލަކީ ޓެރަރިސްޓް އެންޓިޓީއެއް ކަމަށް ޕާކިސްތާނުން ކަނޑައަޅައިފި

ފަލަސްތީނަށް ތާއީދުކޮށް ޕާކިސްތާނުގައި ކުރަމުން ގެންދާ މުޒާހަރާތައް

އިސްލާމް އާބާދު (21 ޖުލައި 2024): އިސްރާއީލަކީ ފަލަސްތީނުގެ ބިމުގައި ޣައިރު ގާނޫނީ ގޮތުން އުފައްދާފައިވާ ޓެރަރިސްޓް އެންޓިޓީއެއް ކަމަށް ޕާކިސްތާނުން ރަސްމީ ގޮތެއްގައި ކަނޑައަޅައިފިއެވެ.

މިކަން އިއުލާނު ކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ މުސްތަޝާރު ރާނާ ސުންޢަﷲ ވިދާޅުވީ, އިސްރާއީލަކީ ސައްހަ ގައުމެއް ކަމަށް އަދި ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ގައުމެއްކަމަށް އެއްއިރަކު ވެސް ޕާކިސްތާނު ނުދެކޭ ކަމަށާއި ކުރިން ވެސް އިސްރާއީލާ މެދު ޕާކިސްތާނުން ދެކެނީ އެއީ އިސްތިއުމާރީ އުސޫލުން ފަލަސްތީނުގެ ބިމުގައި ޣައިރު ގާނޫނީ ގޮތުން އުފައްދާފައިވާ އެންޓިޓީއެއް ކަމުގައެވެ.

ނަމަވެސް، މިހާރު ޕާކިސްތާނުން މި ކަނޑައެޅީ އިސްރާއީލަކީ ޓެރަރިސްޓް އެންޓީޓީއެއްގެ ގޮތުގައެވެ. އަދި، މި ޓެރަރިސްޓް އެންޓިޓީގެ ވެރިއަކަށް ހުރީ ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ހަނގުރާމައިގެ މުޖުރިމު ކަމަށްވާ ބެންޖަމިން ނަތަންޔާހޫ ކަމަށް ވެސް ޕާކިސްތާނުގެ ބޮޑުވަޒީރުގެ މުސްތަޝާރު ވަނީ ސިފަކުރައްވާފައެވެ.

ޕާކިސްތާން ވެގެން މި ދިޔައީ އިސްރާއީލަކީ ޓެރަރިސްޓް އެންޓިޓީއެއް ނުވަތަ ޓެރަރިސްޓް ބައިގަނޑެއްގެ ގޮތުގައި ކަނޑައެޅި ދެވަނަ ގައުމުގެ ގޮތުގައެވެ. މީގެ ކުރިން އީރާނުން ވަނީ އިސްރާއީލަކީ ފަލަސްތީނުގެ ބިމުގައި ޣައިރު ގާނޫނީ ގޮތުން އުފައްދާފައިވާ ޓެރަރިސްޓް އެންޓިޓީއެއް ކަމަށް ކަނޑައަޅާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރަކީ ޓެރަރިސްޓެއް ކަމަށް އެތައް ގައުމަކުން ސިފަކޮށްފައިވެއެވެ. އަދި، އިސްރާއީލުގެ ބޮޑުވަޒީރަކީ މި ޒަމާނުގެ ހިޓްލަރުކަމަށް ވެސް އެތައް ގައުމަކުން ސިފަކޮށްފައިވެެއެވެ.

މި ނިންމުމާ އެކު ޕާކިސްތާނުން ވަނީ އިސްރާއީލާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ކުންފުނިތައް ވެސް ޕާކިސްތާނުގައި މަނާކޮށް އެ ކުންފުނިތަށް ރަސްމީ ސިފައެއްގައި ޕާކިސްތާނުން ބޮއިކޮޓްކުރުމުގެ ސިޔާސަތެއް ވެސް އިއުލާނުކޮށްފައެވެ.

އަދި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފުވަނީ ޕާކިސްތާނުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދޭ މާލީ އަދި ފަންނީ އެހީތައް ވެސް ދެގުނައަށް އިތުރުކުރައްވައި އެކަން އިއުލާނުކުރައްވާފައެވެ.

ދާދި ފަހުން ކަޒަޚިސްތާނުގައި ބޭއްވި ޝެންގްހާއި ސަމިޓްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފުވަނީ އިސްރާއީލުގެ ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ މަހުފަލުތަކުގައި ކުރިއަށްވުރެ ބޮޑަށް ހަރަކާތްތެރިވާނެކަން އިއުލާނުކުރައްވައި އިސްރާއީލަކީ ޓެރަރިސްޓް ގައުމެއް ކަމަށް ސިފަކުރައްވައި ވާހަކަދައްކަވާފައެވެ.

ޕާކިސްތާނުން ދާދި ފަހުން ވަނީ އދ. މެދުވެރިކޮށް ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް 1،000 ޓަނުގެ ކާބޯތަކެއްޗާއި ބޭސް އަދި އެ ނޫން ވެސް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދީފައެވެ. އަދި، ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ވެސް 1،000 ޓަނުގެ ކާބޯތަކެއްޗާއި ބޭސް އަދި އެ ނޫން ވެސް އިންސާނީ އެހީގެ ގިނަ އަދަދެއްގެ ތަކެތި އދ. މެދުވެރިކޮށް ޣައްޒާއަށް ފޯރުކޮށްދޭކަން ޕާކިސްތާނު ސަރުކާރުންވަނީ ހާމަކޮށްފައެވެ.

އިސްރާއީލު މަރާފައިވާ ފަލަސްތީނުގެ އާންމުން

ޕާކިސްތާނުގެ މީޑިއާ ބުނާގޮތުން އިސްރާއީލަކީ ޓެރަރިސްޓް ބައިގަނޑެއްގެ ގޮތުގައި ކަނޑައެޅުމުގެ މި ނިންމުން ޕާކިސްތާނު ސަރުކާރުން ނިންމީ އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ، ފަލަސްތީނުގެ ހައްގުގައި ކުރަމުންގެންދާ ޕްރެޝަރުތަކުގެ ސަބަބުންނެވެ.

ޕާކިސްތާނުން މި ފިޔަވަޅު އެޅި ނަމަވެސް ޕާކިސްތާނާ އަޅާބަލާއިރު އިސްރާއީލަކީ ވަރަށް ކުޑަ ގައުމަކަށްވާތީ ޕާކިސްތާނާ ދެކޮޅަށް އަސްކަރީގޮތުން އިސްރާއީލަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށް މުހައްލިލުން ދެކެއެވެ. އެމެރިކާއާއި ޔޫރަޕްގައި އިސްރާއީލުގެ ނުފޫޒާއި ޔަހޫދީ ލޮބީތަކުގެ ބާރު ކިތަންމެ ގަދަވި ނަމަވެސް ޕާކިސްތާނަކީ ސްޓްރެޓީޖިކް ގޮތުން އެމެރިކާއަށް އާދަޔާ ޚިލާފަށް މުހިއްމު ގައުމަކަށްވާތީ މި މައްސަލައާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް ފިޔަވަޅެއް އެޅުމަކީ އެމެރިކާއަށް ކުރަން ކެރޭނެކަމެއް ނޫންކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ފިޔަވަޅެއް އަޅައިފި ނަމަ މިހާރަށްވުރެ ބޮޑަށް ޕާކިސްތާނުން ޗައިނާއާ އަސްކަރީ ގުޅުންތައް ބަދަހިކޮށް އަދި ރަޝިއާއާ ވެސް ގާތްވެދާނެކަމުގެ ކަންބޮޑުވުން އެމެރިކާ އިހުސާސްކުރަންޖެހޭނެއެވެ. އަފްޣާނިސްތާނަށް ޖާސޫސު ކުރުމުގައި ޕާކިސްތާނުގެ އެއްބާރުލުން ނުލިބިދާނެކަމުގެ ބިރާއި ޑޮލަރާނުލައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ޕާކިސްތާނުން އިތުރުކޮށްފާނެކަމުގެ ބިރު ވެސް އެމެރިކާ އިހުސާސްކުރާނެ ކަމަށް މުހައްލިލުން ދެކެއެވެ.

އިސްރާއީލަކީ ޓެރަރިސްޓް އެންޓިޓީއެއް ކަމަށް ޕާކިސްތާނުން ކަނޑައެޅުމުން އިސްރާއީލު މީހުން ވެސް ޕާކިސްތާނަށް ވަނުން މަނާކުރެވިފައިވާ ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ބުނެއެވެ.

comment ކޮމެންޓް