އިސްރާއީލަކީ ޓެރަރިސްޓް ޖަމާއަތެއް، ހުޅަނގުގެ އުސޫލުތަކަކީ ފޭކެއް: އުރުދުޣާން

އުރުދުޣާން

އަންކަރާ (10 އޮކްޓޯބަރު 2024): އިސްރާއީލަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި ހުޅަނގުން ފަތުރާ ޕްރޮޕަގެންޑާ ވެލިއުސްތަކާއި މޯރަލްއަކީ ފޭކެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ސިފަކުރައްވައިފިއެވެ.

ތުރުކީގެ ޕާލަމެންޓްގައި ވަހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ, އިސްރާއީލަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އިސްރާއީލަކީ ޑިމޮކްރަސީއެއް ކަމަށް ދައްކައިގެން އަދި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަ ޔަހޫދީ ވަޒަންވެރިންނަކީ ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހިންގި ކަމަށް ބުނާ ހޮލޮކޯސްޓްގެ އަނިޔާތަކުގެ ޝިކާރައަކަށްވި މީހުން ކަމަށް ދައްކައިގެން ހަގީގަތް އޮޅުވާލައިގެން ލައްކަ ދުވަހު ހުޅަނގަށް އުޅެވިއްޖެ ކަމުގަައެވެ.

ނަމަވެސް، އެމެރިކާއާއި ޔޫރަޕުން އިސްރާއީލުގެ އިސްތިއުމާރީ ހަގީގަތް އޮޅުވާލުމަށް ކުރި މަސައްކަތްތަކާއި ހައްގާއި ބާތިލު އޮޅުވާލުމަށް ހުޅަނގުން ކުރި މަސައްކަތްތަކުގެ ހަގީގަތް މިހާރު ދުނިޔެއަށް އެނގިފައިވާ ކަމަށާއި އިސްރާއީލުގެ އިތުރުން ހުޅަނގުން ފަތުރާ ވެލިއުތަކުގެ ހަގީގަތް ވެސް މިހާރު ދުނިޔެއަށް ބޭޒާރުވެފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލަކީ ޓެރަރިޒަމްގެ ހާއްޔެއްކަމާއި އެއީ ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ ހުޅަނގުގެ އިސްތިއުމާރީ އެންޓިޓީއެއްކަން ސިފަކުރައްވަމުން އުުރުދުޣާން ވިދާޅުވީ، އިސްރާއީލަކީ ބައެއްގެ ބިމަށް ވެރިވެގަނެ އެ ބިމުގެ ހައްގުވެރިން ވަޒަނުން ބޭރުކުރާ އިސްތިއުމާރީ ބާރެއް ކަމަށެވެ.

އިސްރާއީލުން ޣައްޒާއާއި ލުބްނާނުގައި އާންމުން މެރުމަށް ހިންގާ ގަތުލުއާންމުތަކަށް ހުޅަނގުން އެހީވާއިރު އެހެން ގައުމުތަކުގެ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އަޚުލާގީ ވެލިއުތަކާ ބެހޭ ގޮތުން ވާހަކަދައްކަން އަދިވެސް ހުޅަނގުގެ ލީޑަރުންނާއި މުއައްސަސާތައް ލަދުނުގަނޭތޯ އުރުދުޣާން ވަނީ ސުވާލުއުފައްދަވާފައެވެ.

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އަޚުލާގީ ވެލިއުތަކާ ބެހޭ ގޮތުން ހުޅަނގުގެ ގައުމުތައް ދައްކާ ވާހަކަތައް ދުނިޔޭގެ އެހެން ގައުމުތައް އަޑުއަހާނެ ކަމަށް ހުޅަނގުން ދެކޭނަމަ އެއީ ހުވަފެނެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން އިތުރަށް ވިދާޅުވި ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ މި ޒަމާނުގެ ހިޓްލަރު ކަމަށެވެ. ބައިލައްކައަށްވުރެ ގިނަ މީހުންގެ ލެއިން އޭނާ ތަތްތެޅިފައިވާއިރު އެމެރިކާގެ ކޮންގްރެސްއަށް ގޮސް އެ ތަނުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމާއި ނަތަންޔާހޫގެ ވާހަކަތަކަށް ކޮންގްރެސްގެ މެންބަރުން އަތްތިލަބަޑި ޖެހުމަކީ ކޮންގްރެސްގައި ޖެހުނު ތާރީޚީ ވަރަށް ހުތުރު ލައްގަނޑެއް ކަމަށް އުރުދުޣާން ސިފަކުރެއްވިއެވެ.

އުރުދުޣާން ވިދާޅުވީ، އިސްރާއީލު މިހާރު އަރައިގަންނަމުން ދަނީ ލުބްނާނަށް ކަމަށާއި އެއަށް ފަހު އެ ނޫން ގައުމުތަކަށް ވެސް އަރައިގަންނާނެ ކަމަށެވެ. ނަމަވެސް، ތުރުކީއާ ދިމާކޮށްފިނަމަ އެ ހިސާބުން އިސްރާއީލު ފަހަތަށް ޖައްސައި މައިތިރިކޮށް ސައިޒްކުރާނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން ވަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ހުޅަނގުން ފަތުރާ ސިޔާސީ ޕްރޮޕަގެންޑާތަކަށް ތުރުކީން އެއްވެސް ސަމާލުކަމެއް ނުދޭނެ ކަމަށް ވިދާޅުވެ، ހުޅަނގުގެ މޯރަލްއާއި ވެލިއުސްތަކަކީ ބޮޑުއޮޅުވާލުން ގަނޑެއްކަމަށް ސިފަކުރައްވާފައެވެ.

comment ކޮމެންޓް