ޓެލްއަވީވު (26 ސެޕްޓެމްބަރު 2024): އިސްރާއީލުން ބޭނުން ކޮންމެ ކަމެއް ކުރާނެ ކަމަށާއި އިސްރާއީލުގެ ގަދަފަދަ ހަމަލާތަކުގެ ސަބަބުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ ބާރުތަކުގެ ބޮޑުބައި މިހާރު ނައްތާލެއްވިއްޖެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނެފިއެވެ.
އިސްރާއީލު ސިފައިންގެ ރޭޑިއޯއަށް ދިން ބަޔާނެއްގައި ގަލަންޓް ބުނީ، ހަފުތާއެއްގެ ތެރޭގައި ހިޒްބުﷲގެ އަސްކަރީ ބާރުތަކުގެ ބޮޑުބައެއް ނައްތާލެވުމަކީ އިސްރާއީލަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބެއް ކަމަށާއި އިސްރާއީލުން ލުބްނާނަށް ދިން އިންޓެންސިވް ހަމަލާތަކުގައި ހިޒްބުﷲގެ ދުރުރާސްތާގެ ބާރުގަދަ މިސައިލްތައް ހަލާކުކޮށްލާފައިވާ ކަމަށެވެ. މިއީ ހިޒްބުﷲ އަށް ލިބުނު ވަރުގަދަ މެސެޖެއްގެ ގޮތުގައި ގަލަންޓް ފާހަގަކުރިއެވެ.
މި ވަރުގަދަ މެސެޖާ އެކު ޣައްޒާގެ ދިފާއުގައި އިސްރާއީލަށް ހަމަލާދިނުން ހިޒްބުﷲއިން ހުއްޓާލާނެ ކަމަށް އުންމީދުކޮށްގެން ހުރިކަމަށް ގަލަންޓް ބުންޏެވެ.
ޣައްޒާގެ ދިފާއުގައި ހިޒްބުﷲ އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓާލުމުން އިސްރާއީލުން ވެސް ލުބްނާނަށް ހަމަލާ ނުދޭނެ ކަމަށާއި ހިޒްބުﷲ ނައްތާލެވެންދެން ހަނގުރާމަކުރުމަކީ މި ވަގުތަށް ބަލާއިރު އިސްރާއީލުގެ ލަނޑުދަނޑިއެއް ނޫން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ހަމާސް އެއްކޮށް ވުޖޫދުން ފުހެނުލެވެނީސް ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށް ގަލަންޓް ބުނެފައިވެއެވެ.
ގަލަންޓް މިހެން ބުނިއިރު ޣައްޒާގައި ވެސް މަދަނީ ތަންތަން ބިމާހަމަކޮށް އާންމުން މެރުން ފިޔަވައި އެހެންކަމެއް އިސްރާއީލަށް ކުރެވިފައެއް ނުވެެއެވެ. ޣައްޒާގެ ކޮންޓްރޯލް އަދިވެސް އިސްރާއީލަކަށް ނެތެވެ. އަދި، ހަމާސް ބަލިކޮށެއް ނުލެވެއެވެ. ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަނެއް ނުކުރެވެއެވެ.
ހިޒްބުﷲ ބަލިކުރެވިއްޖެ ކަމަށް ބުނެ ގަލަންޓް ބަޔާންދިންތާ މާ ގިނައިރުތަކެއް ނުވަނީސް ހިޒްބުﷲއިން ފޮނުވާލި މެދުރާސްތާގެ ބާރުގަދަ ބަލިސްޓިކް މިސައިލެއް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ މެދުތެރެއަށް ވަނީ ގޮވާފައެވެ. ގަލަންޓްވަނީ ތިން ހަފުތާ ތެރޭގައި ހަމާސް ބަލިކޮށްލެވޭނެ ކަމަށް ބުނެ، މިދިޔަ އަހަރު ވެސް މިގޮތަށް ބޮޑާކަމުގެ ބަސްތައް ބުނެފައެވެ.
ހިޒްބުﷲ ގެ މި މިސައިލެއް އިއްޔެ ޓެލްއަވިވަށް ވެއްޓި ގޮވުމާ އެކު ބޮޑު ކާރު ބޮމެއް ގޮއްވާލުމުން ގޮވާ ބާރުގަދަ އަޑުން ޓެލްއަވީވް ގުޑުވާލިކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔެޑިއޮޓް އަހްރަނޮތް" ބުނެފައިވެއެވެ.
އިސްރާއީލުގެ ޖާސޫސީ މަސްއޫލުވެރިއަކާ ހަވާލާދީ މި ނޫސް ބުނާގޮތުން ލުބްނާނުގެ ފަރުބަދަތަކުގެ އަޑީގައިވާ ހިޒްބުﷲ ގެ ބިންގަރާސްތަކުގައި މަދުވެގެން ދެ ލައްކައެއްހާ މިސައިލްގެ ސްޓޮކެއް ހުރިކަމަށް ވަނީ އަންދަޒާ ކުރެވިފައެވެ.
މަސްރަހު ދިރާސާ ކުރައްވާ އަސްކަރީ މުހައްލިލުން ވިދާޅުވާ ގޮތުގައި ހިޒްބުﷲގެ މިސައިލް ސްޓޮކަށް ހަމަލާދިނުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއްނޫނެވެ. އެއީ، ފަރުބަދަތަކުގައި އަޑީގެ ބިންގަރާސްތަކުގައި އެތަކެތި ހުރުމުންނެވެ. އަނެއްކޮޅުން ލުބްނާނަކީ ޣައްޒާގޮތަށް އިސްރާއީލުގެ ހިސާރުގެ ދަށުގައިވާ ތަނަކަށް ނުވާތީ ސޫރިޔާއާއި އީރާނުން ސޫރިޔާއާއި ލުބްނާނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ހިޒްބުﷲ އަށް ބަރުހަތިޔާރުގެ ސަޕްލައި ދަނީ ލިބެމުންނެވެ. މި ސަޕްލައި ލިބޭހާ ހިނދަކު ހިޒްބުﷲ ބައްޔެއް ނުކުރެވޭނެއެވެ.
ހިޒްބުﷲއަށް ސޫރިއާގެ މަގުން ހަތިޔާރު ގެންދާކަމަށްވަނީ ސޫރިޔާއާއި ލުބްނާނުގެ ސަރަހައްދީ ރޮނގުގައި ސޫރިޔާ ސިފައިންނާއި ހިޒްބުﷲ ގުޅިގެން ހަދާފައިވާ ބިންގަރާސްތަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުގެ ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ "ޔެޑިއޮޓް އަހްރަނޮތް" ބުނާގޮތުން ހިޒްބުﷲ މިހާތަނަށް އިސްރާއީލާ ދެކޮޅަށް ބޭނުންކޮށްފައިވާ ކަމަށް ލަފާކުރެވެނީ އެ ޖަމާއަތުގެ ސްޓޮކްގައިވާ މިސައިލާއި ރޮކެޓްތަކުގެ ތެރެއިން ގާތްގަނޑަކަށް ފަސް އިންސައްތައެވެ.
އިސްރާއީލުން ހިޒްބުﷲއަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި ހަމަލާދެނީ ލުބްނާނުގެ އާންމުންނަށެވެ. ދެން އެ ޖަމާއަތުގެ އިސް ކޮމާންޑަރުންނަށެވެ. ލުބްނާނުގެ އާންމުންގެ ގެދޮރަށާއި ސްކޫލުތަކަށާއި ހޮސްޕިޓަލްތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ލުބްނާނުގެ 1،000 އަށް ވުރެ ގިނަ އާންމުންނާއި ހިޒްބުﷲގެ އިސް ކޮމާންޑަރުންގެ ތެރެއިން ހަތަރު މީހަކުވަނީ ޝަހީދުވެފައެވެ. މިއާ ޚިލާފަށް، ހިޒްބުﷲގެ ހަމަލާތައް އަމާޒުކުރަނީ އިސްރާއީލުގެ އަސްކަރީ ތަންތަނަށާއި އިސްރާއީލުގެ ޓެރަރިސްޓް މަރުކަޒުތަކަށެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ދެ ކޮމާޑަރަކު ވިދާޅުވި ގޮތުގައި އިސްރާއީލު އަތުގައިވާ މިންވަރަށް ހިޒްބުﷲ އަތުގައި ހަނގުރާމައިގެ ވަސީލަތްތައް ނެތް ނަމަވެސް، އިސްރާއީލުގެ ފަހަތުގައިވާ އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ފަދަ ބޮޑެތި ބާރުތައް ހިޒްބުﷲގެ ފަހަތުގައި ނެތް ނަމަވެސް އިސްރާއީލަށް ހިޒްބުﷲ ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އީރާނުގައި އުފައްދާ ހަތިޔާރުގެ އިތުރުން ސޫރިޔާގައި އުފައްދާ މިސައިލްތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު ހިޒްބުﷲއަށް ލިބޭކަމަށްވެއެވެ. އަދި، ސޫރިޔާ ސިފައިން ގެންގުޅޭ ރަޝިއާއާއި ޗައިނާގެ ޒަމާނީ ހަތިޔާރު ވެސް ސޫރިޔާ ސަރުކާރުން ހިޒްބުﷲއަށް ފޯރުކޮށްދޭ ކަމަށްވެއެވެ. ސޫރިއަކީ ވެސް އަމިއްލަ ޓެކްނޮލޮޖީގައި މިސައިލާއި އެ ނޫން ވެސް އެތައް ހަތިޔާރެއް އުފައްދާ ގައުމެކެވެ.