ހުޅުމާލޭގައި ބީއެމްއެލުން އަޅާ 182 ފުލެޓެއްގެ ފައުންޑޭޝަން ނިމި ކޮންކްރީޓް މަސައްކަތް ފަށައިފި

ބީއެމްއެލްގެ އަގުޖެޔޮ ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދަނީ: 182 ފުލެޓެއްގެ ފައުންޑޭޝަން ނިމިފައިވާ ކަމަށް ބީއެމްއެލުން ބުނޭ --- ފޮޓޯ: ބީއެމްއެލް

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގައުމީ ބޭންކު ބީއެމްއެލުން އަޅާ އަގުހެޔޮ ފުލެޓުތަކުގެ ތެރެއިން 182 ފުލެޓެއްގެ ފައުންޑޭޝަން ތައްޔާރުކޮށް ނިމިއްޖެއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްގީކުރާ 364 ފުލެޓުގެ ތެރެއިން 182 ފުލެޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބީއެމްއެލުން ތަރައްގީކުރާ ފުލެޓުތަކުގެ ބިންގާ އެޅީ މިދިޔަ މާރިޗު މަހުގެ ފަހު ދުވަހެވެ.

https://sun.mv/219970

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫގެ ދަށުން އިމާރާތްކުރަނީ ތިން ކޮޓަރީގެ ފުލެޓުތައް ހިމެނޭ ދެ ޓަވަރެވެ. ބީއެމްއެލުން މީގެ ކުރިން ބުނި ގޮތުގައި އެތަންތަނުގެ ޖާގައިގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނާއެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ޖުމުލަ 3،260 ފުލެޓު ގާއިމްކުރުމަށް ވަނީ ނިންމައިފައެވެ އެ ފުލެޓުތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބޭންކުން ލަފާކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ދަށުން އިތުރު 540 ފުލެޓު އަޅަން ނިންމާފައިވާ ކަން، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްގީކުރާ 364 ފުލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ހާމަކުރައްވައިފައެވެ.

comment ކޮމެންޓް