ފްލެޓް މައްސަލައިގައި މިނިސްޓަރު ކޮމިޓީއަށް ހާޒިރެއްނުވި، މެންބަރުންގެ ނުރުހުން

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު: ޕެޓިޝަން ކޮމިޓީގެ، ފްލެޓާ ބެހޭ ބައްދަލުވުމަށް މިނިސްޓަރު ހާޒިރުނުވުމުން މެންބަރުން ނުރުހުން ފާޅުކުރި -- ސަން ފޮޓޯ/ މޫސާ ނަދީމް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލު ނުކުރުމަށް އެދި ހުށަހަޅައިފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަޑައިނުގަތުމުން، ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖިނާއީ ތަހުގީގެއް ފެށިއެވެ. އެ ތަހުގީގުން ޝަރުތުހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމްތަކުގެ ލިސްޓެއް އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ފޮނުވިއެވެ.

އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމްތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެހެންވެ، ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން ފްލެޓް ލިސްޓު ބާތިލުކުރަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލައިގައި ހުށަހަޅައިފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް މިނިސްޓަރަށް ވަޑައިނުގަނެވޭނެކަން އިދާރީ މޭޒުން އެންގީ މެންބަރުން ކޮމިޓީއަށް ވަޑައިގަތުމުން ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. އެއީ މަޖިލީހަށް އިހުތިރާމު ކުޑަ ކުރުމުގެ އަމަލެއްގެ ގޮތުގައި ބައެއް މެންބަރުން ސިފަކުރެއްވިއެވެ.

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި އައްބާސް: މިނިސްޓަރު ކޮމިޓީއަށް ވަޑައިނުގަނެވޭކަން ފަހު ވަގުތު އެންގުމަކީ އިހުތިރާމު ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެ ކޮމިޓީގައި އިންނަވާ ވެލިދޫ ދާއިރާގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ނިންމީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.

"އަދި މިކަމަށް އެކަށީގެންވާ މުއްދަތު ވެސް ދެވިގެންދިޔައީ. ސުންގަޑި ސުންމިނިޓަށް ވީމަ ހާޒިރުވެވެން ނެތް ކަމަށް ބުނުން އެއީ ވަރަށް އިހުތިރާމުކުޑަކުރުން ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މެންބަރުން އެގޮތަށް ދެކެވަޑައިގަންނަވާކަން ހައުސިން މިނިސްޓްރީއަށް އަންގަން ޖެހޭ ކަމަށެވެ. އަދި ކޮމިޓީން އަހަން ބޭނުންވާ ސުވާލުތަކަށް މިނިސްޓްރީން ޖަވާބުދީ، ލިޔުމުން މައާފަށް އެދެން އެންގުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.

އޭގެ ފަހުން، ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ ވިދާޅުވީ އެ ބައްދަލުވުމަށް ވަޑައިގަންނަވަން މިނިސްޓަރު ހައިދަރު ހުށަހެޅުއްވީ އަމިއްލައަށް ކަމަށެވެ. އަދި ހާޒިރުވެވޭނެ ކަމަށް ވަގުތު ދެއްވީ، މިއަދު އޮތް ކެބިނެޓް ބައްދަލުވުން ކޮމިޓީ ފެށޭ ގަޑި ކަމަށްވާ 11:00އަށް ނިމޭނެ ކަމަށް ލަފާ ކުރައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަން ދިމާކުރި ގޮތުން ކެބިނެޓް މީޓިން ނިމިފައި ނުވާތީވެ މިނިސްޓަރަށް ވަޑައިނުގަނެވުނީ އެހެންވުމާއެކު ވެސް އަޅުގަނޑު ގަބޫލުކުރަނީ މިނިސްޓަރަށް ވަޑައިނުގަނެވުނު ކަމަށް ވިޔަސް މިނިސްޓަރުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުން މި ކޮމިޓީއަށް ހާޒިރުވާން ޖެހޭނެ ކަމަށް،" މުހައްމަދު އަލީ ވިދާޅުވިއެވެ.

އެއާއެކު އައްބާސް ހުށަހެޅުއްވީ މިނިސްޓަރާއި މިނިސްޓްރީގެ އިތުރު ބޭފުޅުން މާދަމާ ކޮމިޓީއަށް ހާޒިރުކޮށް، އިތުރު ބައްދަލުވުމެއް ބޭއްވުމަށެވެ.

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ބައްދަލުވުމަށް މިނިސްޓަރު ވަޑައިނުގަތުމުން މެންބަރުން ނުރުހުން ފާޅުކުރެއްވި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އެ ކޮމިޓީގައި އެ ޕާޓީގެ މެންބަރުން ވާހަކަދެއްކެވީ މާދަމާ ބައްދަލުވުމެއް ބޭއްވުމުގެ ބަދަލުގައި މިނިސްޓަރަށް ރަނގަޅު ވަގުތެއް ހޯދައި، ދެން ބައްދަލުވުމެއް ބޭއްވުމަށެވެ. އޭގެ ތެރޭގައި ނައިބު މުގައްރިރު އަހުމަދު އައިފާނާއި މަޑަވެލި ދާއިރާ މެންބަރު މުހައްމަދު ޝަމީޒް ހިމެނެއެވެ.

ނަމަވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ ހަމައެކަނި މެންބަރު ހުސައިން ޒިޔާދު، މިނިސްޓަރު ވަޑައިނުގަންނަވާތީ އިތުރަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އަޅުގަނޑުމެން މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އަޅުގަނޑު މިތިބީ. ވަޒީރަށް ހާޒިރުނުވެވުނު ހުއްޖަތް، ދެން ނައިބު މުގައްރިރު ވަރަށް ބޮޑަށް، އަޅުގަނޑަށް ހީވަނީ ސިޔާސީ ވިސްނުންފުޅެއްގައި ހެން އެއީ، ރައީސުލްޖުމްހޫރިއްޔާ މިވަރުގެ އަހައްމިއްޔަތު ކަމެއް މިކަމަށް ދެއްވަނީ ވިއްޔާ ހަމަ ޔަގީން...،" އޭނާ ވިދާޅުވިއެވެ.

އެހާ ހިސާބުން މުގައްރިރު އޭނާގެ ވާހަކަ މެދުކަނޑާލައްވައި، މިނިސްޓަރަށް ވަޑައިނުގަނެވުނީ ކެބިނެޓް ބައްދަލުވުން ނުމިނޭތީކަން ތަކުރާރުކުރެއްވިއެވެ.

ޒިޔާދުގެ ވާހަކައަށް އައްބާސް ވެސް ތާއިދުކުރެއްވިއެވެ.

"އަޅުގަނޑުމެން އެދެނީ މުސްތަގުބަލުގައި މިއަދު ހައުސިން މިނިސްޓަރު ކަންތައް ކުރެއްވި ގޮތަށް ދެން ތިބި ވަޒީރުން ވެސް ކަންތައް ނުކުރައްވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

އެއަށް ފަހު ކޮމިޓީން ވޯޓަށް އެހީ ދެން އެންމެ އަވަހަކަށް މިނިސްޓްރީގެ ބޭފުޅުން ހާޒިރު ކުރެވޭނެ ތާރީޚެއްގައި، އެ ބޭފުޅުން ހާޒިރުކޮށް ބައްދަލުވުމެއް ބޭއްވުމަށެވެ. އެ ހުށަހެޅުން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ހުއްދަ ދީފައިވީ ނަމަވެސް، އެ ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް