މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މުޖުތަމައުގެ ވަސީލަތްތަކަށް ކަނޑައެޅި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 53 ޕަސެންޓުގައި އަދި އަތްވެސް ނުލާކަން ހާމަވެއްޖެއެވެ.
މި އަހަރުގެ 64 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގައި ބޯހިޔާވަހިކަމާއި ވަސީލަތްތަކަށް ވަނީ، 1.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.
ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ޕީއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި ވަނީ 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އޭގެ ތެރެއިން، މިދިޔަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ޚަރަދުކޮށްފައި ވަނީ 5.1 ބިލިއަނެވެ.
ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ ތެރެއިން ބޮޑު އަދަދެއް ކަނޑައަޅާފައިވާ ބޯހިޔާވަހިކަމާއި ވަސީލަތްތަކަށް މިހާތަނަށް ހޭދަކުރީ، 679 މިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެއް ނަމަވެސް، ބަޖެޓު ކުރި އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދު އަދެދެކެވެ.
ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު: ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބަޖެޓުކުރި ފައިސާގެ 66 އިންސައްތައިގައި އަތްވެސްނުލާ -- ފޮޓޯ/ ރައީސް އޮފީސްފިނޭންސްގެ ހިސާބުތަކަށް ބަލާއިރު، ޕަބްލިކް ހައުސިން ނުތަވަ ދައުލަތުން އަގުހެޔޮކޮށް ފޯރުކޮށްދޭ ބޯހިޔާވަހިކަމަށް އެކަނި މި އަހަރުގެ ބަޖެޓުގައި 1.08 ބިލިއަން ހިމަނާފައި އެބަ އޮތެވެ. އެކަމަކު، މިހާތަނަށް ޚަރަދުކުރީ 364.1 މިލިއަނެވެ. އެހެންކަމުން، އެ މަސައްކަތަށް ބަޖެޓު ކުރި އަދަދުގެ 66.4 ޕަސެންޓުގައި އަދި އޮތީ އަތް ނުލައެވެ.
މިދިޔަ އަހަރުގެ ބަޖެޓު ސަރުކާރުން ޚާއްސަކުރީ، ބޯހިޔާވަހިކަމަށެވެ. އެހެންވެ، ބޯހިޔާވަހިކަމަށް މިދިޔަ އަހަރުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެ ކަމަށް އިއުލާނުކުރިއެވެ.
ނަމަވެސް، ދައުލަތުން މިދިޔަ އަހަރުގެ ޚަރަދުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ޕީއެސްއައިޕީ މަޝްރޫއުތަކުން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ޚާއްސަކޮށްފައިވާ 1.8 ބިލިއަން ރުފިޔާގެ ތެރެއިން ސަރުކާރުން ޚަރަދުކުރީ އެންމެ 204.5 މިލިއަން ރުފިޔާއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ، ބޯހިޔާވަހިކަން އެންމެންނަށް ސްކީމުގެ ދަށުން 7،900 ފުލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެއެވެ.
އެ ސްކީމަށް ޖުމުލަ 58505 ފޯމް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އެއީ ފްލެޓަށް އެދި 35930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ހައުސިން މިނިސްޓްރީން ވަނީ އެ ފޯމުތައް އިވެލުއޭޓު ކުރުމަށް ފަހު، އަންނަ ޑިސެމްބަރު މަހު ދާއިމީ ލިސްޓު އާންމުކުރާނެކަން ހާމަކޮށްފައެވެ. މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިއުލާނުކުރައްވާފައެވެ.