ކަސްޓަމްސްއަށް އެމެރިކާ އާއި ޗައިނާއިން ދެ ޑްރޯން ދެނީ

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުޙައްމަދު: ވިދާޅުވީ ކަސްޓަމްސްއަށް އެމެރިކާއިންނާއި ޗައިނާއިން ދެ ޑްރޯން ގެނައުމަށް ނިންމާފައި ވާ ކަމަށް ---- ފޮޓޯ/ ކަސްޓަމްސް

ރާއްޖޭގެ ބޯޑަރަށް ވަންނަ ބޭރުގެ އުޅަނދުތައް މޮނިޓާކުރުމަށް ޑްރޯންތަކެއް ލިބޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރަށް ވަންނަ ބޭރުގެ އުޅަނދުތައް މޮނިޓާ ކުރެވޭ ވަރަށް ކަސްޓަމްސްގައި ވަސީލަތްތައް ގާއިމުކުރެވިފައި އަދި ނެތް ކަމަށެވެ.

މިގޮތުން، ކުރިއަށް އޮތް ތަނުގައި އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން 85 ފޫޓުގެ އުޅަނދެއް ލިބޭނެ ކަމަށް މާނިއު ވިދާޅުވިއެވެ. އަދި ޗައިނާ އާއި އެމެރިކާއިން ވެސް އުޅަނދެއް ލިބޭނެ ކަން މާނިއު ވަނީ ފާހަގަކުރައްވާފައެވެ.

ކަސްޓަމްސް ބިލްޑިންގް: މާނިއު ވިދާޅުވީ ކަސްޓަމްސްއަށް އެމެރިކާއިންނާއި ޗައިނާއިން ދެ ޑްރޯން ގެނައުމަށް ނިންމާފައި ވާ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރަށް މާނިއު ވިދާޅުވީ، އުޅަނދުތަކުގެ އިތުރުން ޗައިނާއިންނާއި އެމެރިކާއިން ދެ ޑޯރޯން ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އަޅުގަނޑުމެންނަށް ޑްރޯން ބޭނުންވޭ. މި ސަރަހައްދަށް ބޭރުން މި އަންނަ ވެސަލްތައް މޮނިޓާކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަޅުގަނޑުމެނަކަށް ފިޒިކަލީ ގޮސްގެން ނޫނީ. ދެން މިވާގޮތަކީ ދައުލަތުގެ ޚަރަދު ބޮޑުވާނީ، އަޅުގަނޑުމެންނަށް ހަމަ ލޯންޗުތަކަށް ކްރޫއިން ލާފަ ފޮނުވީމަ ވަރަށް ބައިވަރު ފިއުލްއެއްނު އެދަނީ. އޭގެ ބަދަލުގައި ޑްރޯނެއް ފޮނުވައިގެން އޭތި މޮނިޓާ ކުރުމަށް ފަހު ތުރެޓެއް އުޅެންޏާ ވެސަލް ފޮނުވާ ގޮތަށް މި ހަމަޖައްސަނީ،ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު

މިހާތަނަށް ބޯޑަރަށް ވަންނަ އުޅަނދުތައް މޮނިޓާކުރީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައި ކަން ފާހަގަކުރައްވައި، މާނިއު ވިދާޅުވީ ޑްރޯންތައް ލިބުމުން އެތަކެތި އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރާނީ ކަސްޓަމްއާއި އެމްއެންޑީއެފް ގުޅިގެން ކަމަށެވެ.

އެކަމުގެ ސަބަބުން ކޯސްޓްގާޑުގެ ވެސެލްގެ އަދަދު އިތުރުވެ، ދައުލަތަށް އިތުރަށް ލިބޭ ފައިދާއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު 24 ގަޑިއިރު ބެލެހެއްޓުމަށްޓަކައި ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ވަނީ މިފަހުން ތުރުކީއިން ޑްރޯންތަކެއް ގެނެސްފައެވެ.

comment ކޮމެންޓް