ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އައްޔަންކުރަން މިއަދު ނަން ފޮނުއްވައިފިއެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް މިދިޔަ ޖޫން މަހު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ.
އެއަށް ފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވާފައެވެ.
އީސީގެ މެންބަރުކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހަށެވެ.
އޭނާ ވަނީ އީސީގައި 21 އަހަރު މަސައްކަތް ކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި ހަބީބް ވަނީ އީސީގެ މެންބަރުކަމާއި އީސީގެ ނައިބު ރައީސްކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.
އީސީގެ ނައިބު ރައީސްކަމުގައި ހަބީބް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވަނީ ދެ ދައުރެއްގައެވެ. އެހެންވެ، ގާނޫނު ބުނާ ގޮތަށް އޭނާއަށް އިތުރު ދައުރެއް އަދައެއް ނުކުރެއްވެއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ވެސް މިހާރު އެ ހުންނެވީ ދެވަނަ ދައުރެއްގައެވެ. އޭނާގެ ދައުރު ހަމަވާނީ ނޮވެމްބަރު މަހުއެވެ.