އިމްރާން ޚާނާއި ބުޝްރާގެ ކައިވެނީގެ މައްސަލައިގައި ކުރި ދައުވާ ބާތިލުކޮށްފި

އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ: ކައިވެނި ސައްޙަ ނޫން ކަމަށް ބުނެ ހުކުމް އިއްވި މައްސަލައިގައި އެ ދެމީހުން ކުށުން ބަރީއަވެފައިވާ ކަމަށް ވަނީ ކަނޑައަޅައިފައިމ -- ފޮޓޯ/އަލް ޖަޒީރާ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާނާ ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައެޅި މައްސަލައިގައި ސާބިތުވި ދައުވާތައް ބާތިލުކޮށްފިއެވެ.

އެ ދެ ބޭފުޅުންނަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވާ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން މިދިޔަ މަހު ކޯޓުން ވަނީ މައްސަލަ ބަލައިނުގަންނަން ނިންމައިފައެވެ. ނަމަވެސް އިއްޔެ އިސްލާމްއާބާދު ކޯޓުން ވަނީ އިމްރާން ޚާނާއި ބުޝްރާ ބީބީގެ އިސްތިއުނާފު ބަލައިގެންފައެވެ.

އިމްރާން ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީގެ އިސް އޮފިޝަލެއް ކަމަށްވާ ޒުލްފީ ބުޚާރީ އަލްޖަޒީރާއަށް ވިދާޅުވީ އެ އެ ދެ ބޭފުޅުންގެ މައްޗަށް ކުރި ދައުވާ ބާތިލް ކޮށްފައިވާ ކަމަށެވެ.

އެ ދައުވާތައް ބާތިލުކުރުމާ ގުޅިގެން އިމްރާނާއި ބުޝްރާ މިނިވަން ކުރަން އެންގި ނަމަވެސް އިމްރާން ދޫކޮށްލައިފައެއް ނުވެއެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހު އޭނާގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް ޖަލަށް ލީ މައްސަލައިގައި ބަންދުކޮށްފައި ހުރުމުންނެވެ.

މިދިޔަ އަހަރު ހިނގި އެ ހަމަނުޖެހުންތަކާ ގުޅޭ މައްސަލައިގައި ލާހޯރުގެ އެންޓި ޓެރަރިޒަމް ކޯޓަކުން އިމްރާން ހައްޔަރު ކުރުމަށް މިދިޔަ ހަފުތާގައި އަމުރުކޮށްފައިވާ ކަމަށް އޭނާގެ ޕާޓީގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ. އެހެންވެ، ކައިވެނީގެ މައްސަލައިގައި ކުށުން ބަރީއަވީ ނަމަވެސް އަދިވެސް ޖަލުން މިނިވަން ނުކުރާނެ ކަމަށް އިމްރާނުގެ ވަކީލު އިންތާޒާރު ހުސައިން ޕަންޖޫތާ އަލްޖަޒީރާއަށް ވިދާޅުވިއެވެ.

އިމްރާން އާއި ބުޝްރާ ކައިވެނި ބައްލަވައިގަތީ އިމްރާން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިންނެވެ. މި ކައިވެނީގެ މައްސަލަ ހުށަހެޅީ ބީބީގެ ކުރީގެ ފިރިމީހާ ޚަވާރް މަނެކާއެވެ.

މަނެކާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އޭނާ ބީބީ ވަރިކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ. އިމްރާން އޭނާގެ ތިން ވަނަ ކައިވެނި ބުޝްރާއާ ކުރެއްވި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެހެންވެ، ބީބީ ކައިވެނިބައްލަވައިގަތްއިރު ހުންނެވީ އިއްދައިގައި ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވި ޕާކިސްތާނުގެ އާންމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިމްރާންގެ ޕާޓީގެ ކެންޑިޑޭޓުން ކަމަށްވީ ނަމަވެސް، ސަރުކާރެއް އުފެއްދުމަށް ޕާޓީއަށް އަޣުލަބިއްޔަތު ލިބިފައެއްނުވެއެވެ.

މީގެ އިތުރުން ވެސް ފާއިތުވި އަހަރުތަކުގައި އިމްރާންގެ މައްޗަށް ކުށްތައް ސާބިތުވެ، ޖަލު ހުކުމްކޮށްފައިވެއެވެ.

އެ ޖަލު ހުކުމުތަކަކީ އިމްރާންގެ ސިޔާސީ މަސައްކަތް ހުއްޓުވަން އަސްކަރިއްޔާ އަޑީގައި އޮވެގެން ކުރުވާ ކަންތައްތަކެއް ކަމަށް އޭނާއާއި ޕީޓީއައިއިން ތުހުމަތުކުރެއެވެ.

comment ކޮމެންޓް