އިހުގެ ދިވެހީންގެ ލިޔުންތަކުން ގައުމު ހިންގަން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ސިއްހީ ކަންކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރޭ ވިދާޅުވެއްޖެއެވެ.
ލިޔުންތެރީންގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދުވަސް ޚާއްސަވެފައިވަނީ މީގެ އަހަރުތަކެއް ކުރިން ނެރުނު އަލް އިސްލާހު ނަމަކަށް ކިޔާ މަޖައްލާއަކަށް ކަމަށެވެ.
ޚަލީލް ވިދާޅުވީ، އެ މަޖައްލާގެ ނަމުން އެކަނި ވެސް މަޖައްލާއިން ކޮށްދިން ކަންތައް ސާފުވާ ކަމަށެވެ.
"އެ މަޖައްލާގައި ހުރި ބައެއް ވާހަކަތަކާއި މަޖައްލާގެ ނަމަށް ހަމައެކަނި ނަޒަރު ހިންގާލީމާ އެބަ އެނގޭ މި މަޖައްލާއިން ކޮށްދެނީ ކޮން ކަމެއްކަން. ތި ބޭފުޅުން ޚާއްސަކޮށް ލިޔުންތެރީން ތި ބޭފުޅުން ކުރައްވަން ޖެހިވަޑަިއގަންނަވަނީ ކުރައްވަންވާނީ ކޮން ކަމެއްކަން މި ކަމުން އެބަ ސާފުވޭ،" އޭނާ ވިދާޅުވިއެވެ.
"އޭރުގައި އެ މަޖައްލާ ލިޔުއްވި ބޭފުޅުން އެ ދެއްކެވި ވާހަކަފުޅުތައް އެއީ ނިމުމެއް އަންނާނެ ވާހަކައެއް ނޫން. ޒަމާން ބަދަލުވެގެން ދިޔަސްވެސް އެ މަޖައްލާގައި ލިޔުނު ވާހަކަތައް އެއީ ބަދަލުވާ ވާހަކަތަކެއް ނޫން،"
އިހުގެ ލިޔުންތަކުން އިބުރަތް ހާސިލުކުރަންޖެހޭކަން ފާހަގަކުރައްވައި ވަޒީރު ޚަލީލް ވަނީ ޖަޕާނު މިސާލަކަށް ދައްކަވައިފައެވެ.
އެ ގޮތުން، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނު އެއްކޮށް "ފުނޑުނު"ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ކަމުން އެ ގައުމު އަރައިގަތީ އިހުގައި މީހުން ކަންކުރި ގޮތް ބަލައިގެން ކަންތައްތައް ތަރުތީބުކުރުމުން ކަމަށެވެ.
ކާމިޔާބު ގައުމުތަކުން ކަންކުރާ ގޮތް ނަކަލުކުރަން ވަޒީރު ވަނީ ގޮވާލައްވައިފައެވެ.
އެހެންވެ، ދިވެހީން ވެސް ކަންކުރާއިރުގައި ކާބަފައިން ގެނެސްފައިވާ ރަނގަޅު ގޮތްތައް އަލުން އިޔާދަކުރަން މަސައްކަތްކުރަން ޖެހޭ ކަމަށާއި އެ ކަންކަން ފެންނަން އޮތީ ލިޔުންތެރީން ލިޔުއްވުންތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކާބަފައިން ގެނެސްފައި އޮތް ރަނގަޅު އަހުލާގު، މަސައްކަތްކޮށްފައި އޮތް ގޮތް، މަސައްކަތަށް ދީފައި އޮތް ކޮމިޓްމަންޓު. މި ރަނގަޅު އާދަތައް އަޅުގަނޑުމެން ގެންނަންވީ،" ވަޒީރު ވިދާޅުވިއެވެ.