ވަޒީފާއިން ވަކިކުރީ ޖަލްސާގައި ބައިވެރިވެގެން ކަމަށް އެމްޑީޕީން ކުރި ތުހުމަތު ދޮގުކޮށްފި

އެޗްޑީސީގެ ވަޒީފާއިން ވަކިކުރި ޝާޖިން ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި ގުރުއާން ކިޔަވަނީ - ފޮޓޯ/ އެމްޑީޕީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރި ވެގެން ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ބައިވެރިވެ ޖަލްސާ ފެށުމުގެ ގޮތުން ޤުރުއާން ކިޔެވި މީހަކު އެޗްޑީސީގެ ވަޒީފާއިން ވަކިކުރި ކަމަށްބުނެ އެމްޑީޕީން މިއަދު ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް މުހައްމަދު ސިރާޖު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވެގެން ނޫން ކަމަށެވެ. ނަމަވެސް ވަޒީފާއިން ވަކި ކޮށްފައިވާ ސީދާ ސަބަބެއް އޭނާ ހާމައެއް ނުކުރެއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އެ ހައްގުގެ ބޭނުން ހިފުމަށް އެއްވެސް ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި ފިޔަވަޅެއް ވެސް އެޅުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

ސަރުކާރުގެ ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވުމަކީ ވަޒީފާގެ ބިރުވެރިކަން އޮންނާނެ ކަމެއް ނޫންކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވައުދުވެ ވަޑައިގެންފައި ވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެހެންނަމަވެސް ވެވަޑައިގެންނެވި ވައުދާ ޚިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

މި ސަރުކާރުން ވަޒީފާގެ ބިރުދައްކާކަމަށް ތުހުމަތުކޮށް، އެ ޕާޓީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް