މިދިޔަ ފަސް އަހަރު އެންމެ ގިނަ ދަރިވަރުން ހިލޭ ޑިގުރީއަށް ކިޔެވީ ވިލާ ކޮލެޖުން ކަމަށާއި އެ ސްކީމުގެ ތެރެއިން އެ މުއްދަތުގައި އެ ކޮލެޖަށް 172 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މަތީ ތައުލީމާއި ތަމުރީނާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހިލޭ ޑިގުރީ ސްކީމަކީ 'ސްކޭމެއް' ކަމަށް ތުހުމަތުކޮށް، ސަރުކާރުން ޔުނިވާސިޓީތަކަށް އެހީނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވަނީ ތުހުމަތުކޮށްފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު މީހެއް ކަމަށްވާ އަފްރާހް އިސްމާއިލް އެދިގެން މަތީ ތައުލީމާ ބެހޭ ވުޒާރާއިން ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ފެބްރުއަރީ 26 އާ ހަމައަށް އެންމެ ގިނަ ދަރިވަރުން ހިލޭ ފުރަތަމަ ޑިގުރީއަށް ކިޔެވީ ވިލާ ކޮލެޖުންނެވެ.
އެ ގޮތުން:
- ވިލާ ކޮލެޖުން 4،522 ދަރިވަރުން ކިޔެވި
- ސަރުކާރުން 172،755،744.30 ރުފިޔާ ޚަރަދުކުރި
ދެވަނައަށް އެންމެ ގިނަ ދަރިވަރުން ކިޔެވީ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއިންނެވެ. ގައުމީ ޔުނިވާސިޓީން 4،504 ދަރިވަރުން ހިލޭ ޑިގުރީއަށް ކިޔެވިއެވެ. އެ ޔުނިވާސިޓީއަށް 138،809،761.24 ރުފިޔާ ޚަރަދުކުރިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ މުއްދަތުގައި ޖުމުލަ 20،337 ދަރިވަރުން ވަނީ ހިލޭ ޑިގުރީ ސްކީމުގެ ދަށުން ޑިގުރީއަށް ކިޔަވަން ފަށައިފައެވެ. އެ ދަރިވަރުންނަށް އެ މުއްދަތުގައި ސަރުކާރުން ވަނީ 695،103،961.44 ރުފިޔާ ޚަރަދުކޮށްފައެވެ.
ހިލޭ ޑިގުރީއަށް މިދިޔަ ފަސް އަހަރު ކުރި ހޭދައިގެ ތަފުސީލު:
- ވިލާ - 4،522 ދަރިވަރުންނަށް 172 މިލިއަން ރުފިޔާ
- ގައުމީ ޔުނިވާސިޓީ - 4،504 ދަރިވަރުންނަށް 138 މިލިއަން ރުފިޔާ
- މިއާންޒް އިންޓަނޭޝަނަލް ކޮލެޖު - 2،842 ދަރިވަރުންނަށް 106 މިލިއަން ރުފިޔާ
- ބިޒްނަސް ސްކޫލު - 2،439 ދަރިވަރުންނަށް 83 މިލިއަން ރުފިޔާ
- ޒިކުރާ ކޮލެޖު - 1،928 ދަރިވަރުންނަށް 56 މިލިއަން ރުފިޔާ
- އެވިޑް ކޮލެޖު - 1،307 ދަރިވަރުންނަށް 52 މިލިއަން ރުފިޔާ
- މެޕްސް ކޮލެޖު - 997 ދަރިވަރުންނަށް 32 މިލިއަން ރުފިޔާ
- އިސްލާމިކް ޔުނިވާސިޓީ - 942 ދަރިވަރުންނަށް 18 މިލިއަން ރުފިޔާ
- ސައިރިކްސް ކޮލެޖު - 360 ދަރިވަރުންނަށް 15 މިލިއަން ރުފިޔާ
- ކްލިކް ކޮލެޖު - 341 ދަރިވަރުންނަށް 11 މިލިއަން ރުފިޔާ
- މަންދު ކޮލެޖު - 234 ދަރިވަރުންނަށް 7 މިލިއަން ރުފިޔާ
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ހިލޭ ޑިގުރީއަށް ބޮޑު ހޭދައެއް ކުރި ނަމަވެސް އަމިއްލަ ޔުނިވާސިޓީތަކަށް ސަރުކާރުން ދައްކައިދެނީ ފީގެ އެއްބައެވެ. ދަރިވަރުން ވެސް ކޮލެޖު ފީގެ އެއްބައި އަމިއްލައަށް ދައްކަން ޖެހެއެވެ.
އެކަމަކު، މަޖިލީހުގައި ވާހަކަދައްކަމުން ޕީއެންސީގެ ބައެއް މެންބަރުން ވަނީ އަމިއްލަ ޔުނިވާސިޓީތަކަށް ސަރުކާރުން މިދިޔަ ފަސް އަހަރު އެހީނުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުރަތަމަ ޑިގުރީއާ ހަމައަށް ހިލޭ ކިޔެވޭ ގޮތް ހެދީ މިދިޔަ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ.