ސަރުކާރުގެ ޚަރަދުގައި މާލޭގައި ބިނާކުރާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލު) ގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތް ބިނާކުރާ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އާއި މަސައްކަތުގެ ކޮންޓްރެކްޓަރު ކަމަށްވާ އާރްސީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ރަޝީދެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންނާއި މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ބައެއް ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ކުދިންގެ ޝުއޫރުތައް އަޑުއައްސަވައިފައެވެ. އަދި އެ ކުދިން ހިއްސާކުރި ކަންކަމުގައި ސަރުކާރުން ވެދެވެން ހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، މަތީ ތަޢުލީމަށް ސަރުކާރުން ދޭ އިސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

އަށް ފަންގިފިލާއަށް އިމާރާތްކުރާ މި ސްކޫލުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން އާރްސީސީއާ ހަވާލުކޮށްފައިވަނީ 12 ނޮވެމްބަރު 2024 ގައެވެ. މި މަޝްރޫޢުގެ ދަށުން ކްލާސްރޫމްތަކުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި ޢިމާރާތުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި، އަންނަ އަހަރުގެ ދިރާސީ އާ އަހަރާއެކު ކިޔަވައިދޭން ފެށުމަށް ވަނީ އަމާޒުހިފައިފައެވެ.
މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް އާ ޢިމާރާތެއް ބިނާކޮށް، ޢަރަބިއްޔާ ސްކޫލް އެތަނަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި، ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެތަން ހެދުމަށްޓަކައި، މި މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ކަމެކެވެ.