އަހަރުގެ މިހާތަނަށް ހިލޭ ޑިގްރީ ސްކީމުން 900 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދީފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް ހާހަކާ ގާތްކުރާ އަދަދަކަށް ހިލޭ ޑިގްރީ ސްކީމުން ދަރިވަރުންނަށް ފުރުސަތު ދީފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން "ސަން"އާ ހިއްސާކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މި އަހަރުގެ ޖެނުއަރީ އެކަކުން މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ޖުމްލަ 1،182 އެޕްލިކޭޝަން ހިލޭ ޑިގްރީ ސްކީމު ހޯދަން އެދި ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރެއިން 949 އެޕްލިކޭޝަނެއް ބަލައިގެންފައިވާއިރު، އަލުން މައުލޫމާތު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް 207 އެޕްލިކޭޝަނެއް ވަނީ ފޮނުވައިލައިފައެވެ.

ޝަރުތު ހަމަނުވާތީ ސްކީމުން ފުރުސަތު ނުލިބޭނެކަމަށް ބުނެ 26 އެޕްލިކޭޝަނެއް ވަނީ ޑިސްކޮލިފައިކޮށްފައެވެ.

ހިލޭ ފުރަތަމަ ޑިގްރީ ކިޔަވައިދިނުމަށް ނިންމައި ސްކީމް ތައާރަފްކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. އެ ސްކީމުގެ ތެރެއިން މިހާރު ވެސް 10،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.

ގިނަ ދަރިވަރުންތަކެއް އަންނަނީ އެ ސްކީމަކީ ވަަރަށް ބޭނުންތެރި ސްކީމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.

comment ކޮމެންޓް