އަންނަ އަހަރު ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބޮޑު ބަދަލެއް: "ދަރިވަރުން އުނގެނޭ މިންވަރު އިތުރުވާނެ"

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: މިނިސްޓަރު ވަނީ ދަރިވަރުން އުނގެނޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބަދަލު ގެންނަކަމަށް ވިދާޅުވެފައެވެ. --- ފޮޓޯ: ޕީއެސްއެމް ނިއުސް

ދަރިވަރުން އުނގެނޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް އެކެއްގެ ފޮތްތަކަށް އަންނަ އަހަރު ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ، އަށްވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ފޮތްތަކަށް ބަދަލުގެންނައިރު އެކަމުގައި ޓީޗަރުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެ ކޮންފަރެންސްގައި މިނިސްޓަރު ވަނީ، މި ޒަމާނުގެ ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް އެކި ކަންކަމުގައި އޭއައި ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު، އެ ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް، ޓީޗަރުންއެކަމަށް އަހުލުވެރިވާން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ޓީޗަރުންގެ ކޮންފަރެންސްގެ މަގްސަދަކީ، ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތަކާ ގުޅުވާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ފުރުސަތުގެ ބޭނުން ޓީޗަރުން ހިފުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

މިނިސްޓަރު ވަނީ ތައުލީމީ ދާއިރާގެ ކުރިއެރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިހާރު ވެސް ދަރިވަރުން ތައުލީމީ މަރުހަލާގައި އުނގެނޭ މިންވަރު އިތުރުކުރުމަށް މުހިންމު ބަދަލުތަކެއް ކޮންޓެންޓަށް ގެންނަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު މިދަނީ ގެންދަމުން. މި އަންނަ އަހަރު ކީ ސްޓޭޖް ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ. އަޅުގަނޑު ޓީޗަރުންނަށް ދަންނަވާލަން ބޭނުންވަނީ، ފޮތްތައް ބަދަލުކުރެވުނަސް ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުންގެ މަސައްކަތުންނޭ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

މިނިސްޓަރު ވަނީ ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި މަތީ ސާނަވީއަށްދާ ދަރިވަރުންގެ މެދުގައި އޮތް ފަރަގު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ކުރި މަސައްކަތުން މިހާރު ސާނަވީ ތައުލީމު ފުރިހަމަކޮށް މަތީ ސާނަވީއަށްދާ ދަރިވަރުންގެ އަދަދު 50 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އެ ނިސްބަތް އުޅެނީ 40 އިންސައްތައިގައެވެ. މިނިސްޓަރު ވަނީ މާލޭ ވޮކޭޝަނަލް ހައި ސްކޫލާއެކު އެ އަދަދު 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް