ތަޢުލީމީ ދާއިރާގައި 35 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު، ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
އޭނާ ރިޓަޔާކުރައްވާނީ މި އޮގަސްޓު މަހުގެ 31 ވަނަ ދުވަހެވެ. އަދި މަސައްކަތުގެ އެންމެ ފަހު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.
ނާޒްލީން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ރިޓަޔާކުރައްވަން ނިންމެވީ އާއިލީ ސަބަބުތަކާ ގުޅިގެންނެވެ.

އަމީނިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، ނާޒްލީން ތަޢުލީމީ ދާއިރާއަށް ވެންނެވީ ފެކަލްޓީ އޮފް އެޑިއުކޭޝަނުން ޓީޗިން ހެއްދެވުމަށް ފަހުގައެވެ. އޭނާގެ ކެރިއަރު ފެށްޓެވީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް އެކެއްގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. އެ ސްކޫލުގައި ދޮޅު އަހަރު ކިޔަވައިދެއްވުމަށް ފަހު، ކަލާފާނު ސްކޫލަށް ބަދަލުވެވަޑައިގެންނެވިއެވެ.
ނާޒްލީން ވަނީ ޕްރިންސިޕަލެއްގެ ގޮތުގައި 17 އަހަރު ޚިދުމަތް ކުރައްވާފައެވެ. އެގޮތުން އަމީނިއްޔާ ސްކޫލާއި ކަލާފާނު ސްކޫލުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވިއެވެ.
މާލެއިން ޓީޗިން ހެއްދެވުމަށް ފަހު، ނާޒްލީން ވަނީ ސިންގަޕޫރުން އިތުރަށް ތަޢުލީމު ހާސިލުކުރައްވާފައެވެ. އޭނާގެ އެންމެ މަތީ ސަނަދެއްގެ ގޮތުގައި އޮތީ މެލޭޝިއާގައި ހުންނަ ޔުނިވާސިޓީ އޮފް ނޮޓިންހަމްގެ ކެމްޕަހުން ހާސިލުކުރެއްވި މާސްޓާސް ޑިގްރީއެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒްލީން ފާހަގަކުރެއްވީ، އޭނާ މަސައްކަތް ފެށްޓެވިއިރު މާލޭގައި ހުރީ އެންމެ ދެ ޕްރައިމަރީ ސްކޫލު ކަމަށްވާ ޖަމާލުއްދީން އަދި އިސްކަންދަރު ސްކޫލު ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ސްކޫލުތަކެއްގައި ގްރޭޑް އެކަކުން 10 އަށް ކިޔަވައިދެމުން އަންނަކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ވެސް ގާއިމް ކުރެވިގެން އެބަދޭ ސުކޫލްތަކުގައި،" ނާޒްލީން ވިދާޅުވިއެވެ.
ނާޒްލީންގެ ޚިދުމަތްތައް ފާހަގަކޮށް، ކަލާފާނު ސްކޫލުގައި މިއަދު އަންނަނީ ވަދާޢީ ހަރަކާތްތަކެއް ހިންގަމުންނެވެ.