އޭޑީކޭއިން ސަރުކާރުގެ މުއައްސަސާތަކަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް 114 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ބުނެ، އެ ފައިސާ ހޯދުމުގައި ރައްޔިތުންގެ މަޖިލީހުގެ އެހީއަށް އެދިއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އޭޑީކޭއިން ފޮނުވާފައިވާ ސިޓީއެއް ވަނީ އިއްވައިފައެވެ. އެ ސިޓީގައި ވަނީ، އޭޑީކޭއިން ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ކްރެޑިޓަށް ދީފައިވާ ޚިދުމަތްތަކާއި އާސަންދައިގެ ދަށުން ދީފައިވާ ޚިދުމަތްކާއި އެންސްޕާގެ ޚިދުމަތްތަކަށް ބިލް ފޮނުވައި ފައިސާ ނުލިބި އެތައް މަހެއްވެފައިވާ ކަމަށެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ސަރުކާރުން އޭޑީކޭއަށް ދައްކަންޖެހޭ 144،376،112 ރުފިޔާ އޮތް ކަމަށާއި އޭގެ ތެރެއިން 78.5 މިލިއަން ރުފިޔާއަކީ ފައިސާ ނުދައްކައި 90 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ބިލްތައް ކަމަށް ސިޓީގައިވެއެވެ. އޭޑީކޭއިން އެދިފައި އޮތީ އެ 78.5 މިލިއަން ހޯދަން މަޖިލީހުން ވެދެވެން އޮތް އެހީއެއް ވެދިނުމަށެވެ.
އެ ސިޓީއާ ގުޅުވައި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އެއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފައިސާ ނުދައްކައިގެން ހުށަހަޅައިފައިވާ މައްސަލައެއް ކަމަށާއި، އެފަދަ މައްސަލަތައް މާލިއްޔަތު ކޮމިޓީގައި ފުނިޖެހިފައިވާ ކަމަށެވެ.
"މިގޮތަށް މުޅިން ވެސް ކަންކޮށްފައި މިހިރީ [އެމްޑީޕީން] އެހެންވީމާ އަޅުގަނޑު ހިތުން މިހާރުގެ ސްޓޭޓަސްއަކީ ކޮބައިކަން ސާފުކޮށްލަން އެބަޖެހޭ އަޅުގަނޑުމެން. އަޅުގަނޑުމެން ހިތުން މިއީ އަޅުގަނޑުމެން ސަރުކާރާ ހަވާލުވި ފަހުން ދައްކަން ވެފައި އޮތް ފައިސާއެއް ނޫން ކަންނޭނގެ،" އޭނާ ވިދާޅުވިއެވެ.
ޝުޖާއުގެ ވާހަކައަށް ބާރުދެއްވައި، އެ ސިޓީ ފޮނުވާފައި އޮތް ތާރީޚަކީ މިދިޔަ އަހަރުގެ ނޮވެމްބަރު ހަޔެއްކަން ކޮމިޓީގެ ނައިބު މުގައްރިރު އަހުމަދު ސަލީމް ފާހަގަކުރެއްވިއެވެ. އަދި، އޭރު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން އެ ސިޓީ އެޖެންޑާނުކޮށް އޮތީ ކީއްވެތޯ އޭނާ ސުވާލުއުފެއްދެވިއެވެ.
އެހެންވެ، ޝުޖާއުގެ ހުށަހެޅުއްވުމާ އެއްގޮތަށް އޭޑީކޭއަށް މިހާރު ނުލިބި އޮތް ފައިސާގެ އަދަދު ހޯދަން ސިޓީއެއް ފޮނުވަން ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވޯޓަށް އެެއްސެވިއެވެ. ކޮމިޓީގެ މެންބަރުންގެ ތާއިދާ އެކު އެ ގޮތަށް ފާސްވުމުން ސިޓީ ފޮނުވަން މިއަދު ވަނީ ނިންމައިފައެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން ހަވާލުވިއިރު ކުރީ ސަރުކާރުން ހަތް ބިލިއަން ރުފިޔާގެ ބިލު ނުދައްކާ ހުއްޓެވެ.