ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު އާސަންދަ އިސްލާހު ކުރުމަށް ފިޔަވަޅުތަކެއް އެޅި ނަމަވެސް، މި އަހަރު އާސަންދައަށް ކުރި ޚަރަދު މިދިޔަ އަހަރަށް ވުރެ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު ހާމަކޮށްފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެ މުއްދަތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ހަތް ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އާމްދަނީ 4.80 ބިލިއަން ރުފިޔާއަށް އަރާއިރު މި އަހަރު އާމްދަނީ ހުރީ 4.44 ބިލިއަން ރުފިޔާގައެވެ.
ހަމައެއާއެކު ދައުލަތުގެ ޚަރަދުތައް ވަނީ 26 ޕަސެންޓް ދަށްވެފައެވެ. އެއީ 4.13 ބިލިއަން ރުފިޔާއިން 3.04 ބިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން ރިކަރަންޓު ޚަރަދަށް މި އަހަރު 2.87 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުގެ ޖުމްލަ 1.73 ބިލިއަނަށް އަރައެވެ.
ޚަރަދުތަކުގެ ތެރެއިން ހިލޭ އެހީއާއި ސަބްސިޑީތަކަށް މިހާތަނަށް 1.04 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު އެރީ 881 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން ވަކި ދާއިރާތަކަށް ބަލާއިރު:
އާސަންދަ
- މިދިޔަ އަހަރު: 240.3 މިލިއަން ރުފިޔާ
- މި އަހަރު: 413.6 މިލިއަން ރުފިޔާ
ސަބްސިޑީތައް
- މިދިޔަ އަހަރު: 273.6 މިލިއަން ރުފިޔާ
- މި އަހަރު: 274.4 މިލިއަން ރުފިޔާ
ކައުންސިލްތަކަށް ދިން އެހީ
- މިދިޔަ އަހަރު: 187.3 މިލިއަން ރުފިޔާ
- މި އަހަރު: 178.9 މިލިއަން ރުފިޔާ
އާސަންދައަށް ކުރާ ހޭދަ ކޮންމެ އަހަރަކު އިތުރުވަމުން އަންނައިރު، މިދިޔަ އަހަރު ވެސް މި ނިޒާމަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ޚަރަދުކުރިއެވެ. އެގޮތުން މިދިޔަ އަހަރު އާސަންދައަށް ބަޖެޓުގައި ޖެހީ 1.9 ބިލިއަން ރުފިޔާ ނަމަވެސް، އެއަށްވުރެ އިތުރަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުން ދައްކައެވެ.
އާސަންދައިން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ސްކީމަށް 3.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، މާލީ ހާލަތު ދަށްވެފައިވުމުން ޚަރަދު ކުޑަކުރަން ބޭރުގެ އިދާރާތަކުން އަންނަނީ ގޮވާލަމުންނެވެ. މި ސަރުކާރުން ވަނީ ޚަރަދުތައް ސަލާމަތް ކުރުމަށް ޓަކައި މިދިޔަ އަހަރު ބައެއް ފިޔަވަޅުތައް އަޅައި، މި އަހަރު ވެސް 7.7 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅުތައް އަޅަން ރާވައިފައެވެ.
ޚަރަދު ކުޑަ ކުރުމަށް ޓަކައި އާސަންދައިން ޚިދުމަތްދޭ އުސޫލަށް މިދިޔަ އަހަރު ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި، އެނދުމަތިނުކޮށް ދޭ ފަރުވާއެއް ހޯދާއިރު، އެ މީހަކު އެހެން އިންޝޫރެންސް ސްކީމެއްގައި ރެޖިސްޓްރީވެފައިވާނަމަ އެ ސްކީމަކުން ކެނޑޭގޮތަށް ގެނައި ބަދަލު ހިމެނެއެވެ.
މީގެ އިތުރުން، އަގު ބޮޑުކޮށްގެން ވިއްކާ 250 ބޭހަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކޮށްފައިވެއެވެ. އެހެންނަމަވެސް އޭގެ ފަހުން ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ދިމާވާ ކަމުގެ ކަންބޮޑުވުންތައް ފެންމަތިވެފައިވެއެވެ.
މާލީ ހާލަތާ ގުޅޭ އަހަރީ ރިޕޯޓު ތައްޔާރުކުރަން މި މަހު ތިންވަނަ ދުވަހުން ފެށިގެން 16 އާ ހަމައަށް އައިއެމްއެފްގެ ވަފުދެއް ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، އެ އިދާރާއިން އަނެއްކާވެސް ވަނީ ރާއްޖެއިން ޚަރަދު ކުޑަކުރުމަށް ގޮވާލައިފައެވެ. އެގޮތުން ސަބްސިޑީތައް ސީދާ އެ ބޭނުންވާ ބަޔަކަށް ލިބޭނެ ގޮތް ހެދުމަށާއި ކުންފުނިތަކާއި އާސަންދަ އިސްލާހުކުރުން އަވަސްކުރަން އައިއެމްއެފުން ގޮވާލިއެވެ.