ބޭސް ލިބުމުގައި ދިމާވާ ތަކުލީފުތަކާއި މާލީ ދަތިތައް ހައްލުކުރަން ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން މި ފަހުން ވަނީ ބޮޑުވެފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ މައްސަލަ ހައްލުކުރަން ނިޒާމަށް ގެންނަންޖެހޭ ގިނަ ބަދަލުތަކެއް އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެ ގޮތުން، އެ މަނިކުފާނު ނިންމެވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
- ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލައި ނިންމުން.
- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)އިން ލިބެން ހުރި ބޭސް ފެންނާނެގޮތަށް މިހާރު ތައްޔާރުކުރާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
- މި ބަދަލަށް ޑޮކްޓަރުން އަހުލުވެރިކުރުވުން.
- އެޕްރޫވްޑް ޑުރަގު ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އުސޫލުތަކުގެ ތެރެއިން އެސްޓީއޯއަށް ލިބޭނެ ގޮތް ހަމަޖެއްސުން. މި ކަމުގެ ދާއިމީ ޙައްލެއްގެ ގޮތުން، އެސްޓީއޯއިން ސީދާ ބޭސް އުފައްދާ ފަރާތްތައް މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން.
- މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ ހަތަރު ޖީޕީ ކްލިނިކުން އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަދި، މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސްޓީއޯއިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން.
- ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރުން.
- ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެ މައްސަލަތައް ބައްލަވައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ޙައްލުކުރުން.
- އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން (އެސްޓީއޯ މެދުވެރިކޮށް) ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން.
- އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމްއެފްޑީއޭގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ރައީސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައި -- ފޮޓޯ/ ރައީސް އޮފީސް
މި ކަންކަން ތަންފީޒުކުރެއްވުމުން ރައީސް މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި އާންމު ބައެއް ބަލިތަކަށް ބޭނުންވާ މުހިންމު ބޭސްތަކެއް ފާމަސީތަކުން ނުލިބޭކަމުގެ ޝަކުވާ މި ފަހުން ބޮޑުވިއެވެ. އާސަންދައިން މީގެ ކުރިން ލިބެމުން އައި ބައެއް ބޭސްތައް އެ ސްކީމުން މިހާރު ނުލިބުމާއި އެ ބޭސްތަކަށް އަމިއްލައަށް ޚަރަދުކުރަން ޖެހުމުގެ ކަންބޮޑުވުންތައް ވެސް ފެންމަތިއެވެ.
ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމުކަމުގައިވާ އާސަންދައިން ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭހަށެވެ. އެހެންވެ، ބޭހަށް ކުރާ ޚަރަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އެ ޚަރަދުކުޑަކުރަން މި ސަރުކާރުން ވަނީ އާސަންދަ ނިޒާމު އިސްލާހުކުރަން ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން، އަގު ބޮޑުކޮށްގެން ވިއްކާ 250 ބޭހަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކޮށްފައިވެއެވެ. ބޭސް ލިބުމުގައި ދަތިތައް ދިމާވީ އޭގެ ފަހުންނެވެ.