ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންއިރު ފައިސާ ދޫނުކޮށް ގާތްގަނޑަކަށް ހަތް ބިލިއަނެއްހާ ރުފިޔާގެ ބިލުތައް ހުރި ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން އާމްދަނީ ހޯދަން އެއްވެސް ކަމެއްނުކޮށް، މާ ގިނައިން ޚަރަދުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މި ފަހުން ނުރުހުން ފާޅުކުރައްވައި، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ރައްދުގައި ސައީދު ވަނީ ކުރީގެ ސަރުކާރުތަކުން ވެރިކަމުގެ ފުރަތަމަ ދެ މަސް ތެރޭގައި އާމްދަނީ އިތުރުކުރަން ކުރީ ކޮން ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އެއީ ކުރުން ވަރަށް ރަނގަޅު ސުވާލެއް ކަމަށެވެ. އަދި، އެއީ ވަރަށް ރަނގަޅަށް އެނަލައިޒްކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވީއިރު ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލުތައް ހުރި. ރާއްޖޭގެ ވިޔަފާރިތަކަށް އެ ކަމުގެ ނޭދެވޭ އަސަރުކޮށްފައިވަނީ ވަރަށް ބޮޑަށް،" ސައީދު މިއަދު ވިދާޅުވިއެވެ.
އެކަމަކު، އެ ބިލުތަކާ ގުޅޭ އެއްވެސް ތަފުސީލެއް ވަޒީރު ހިއްސާކުރައްވައިފައެއް ނުވެއެވެ.
އޭގެ ކުރިން ވަޒީރު ކުރެއްވި ޕޯސްޓުގައި ވަނީ ކުރީގެ ސަރުކާރުތަކުން ވެރިކަމުގެ ފުރަތަމަ ދެ މަސް ދުވަހު ސަރުކާރުގެ އާމްދަނީ އިތުރުކުރަން ކުރި އީޖާދީ މަސައްކަތަކީ ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށްފައި ފައިސާ ޗާޕުކޮށްފައި މާލީ ޒިންމާއިން ނުރެކޭނެ ކަމަށެވެ.
ވަޒީރު އިޝާރާތްކުރެއްވީ، ކުރީ ސަރުކާރުން ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށްފައި ފައިސާ ޗާޕުކުރި ކުރުމަށެވެ. ކޮވިޑަށް ފަހު ކުރިމަތިވި އިގުތިސާދީ ދަތިތަކުން އަރައިގަންނަން ކުރީ ސަރުކާރުގައި ވަނީ ފައިސާ ޗާޕުކޮށްފައެވެ. މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ވަނީ ފައިސާ ޗާޕުކުރުން ހުއްޓައިލިކަން ރައްޔިތުންގެ މަޖިލީހަށް އަންގައި، ޚަރަދަށް ޒިންމާވުމުގެ ގާނޫނު މުޅިން އެއްކޮށް އިޔާދަކުރަން އެދިފައެވެ.
ޔާމީން އަލަށް އުފައްދަވަން އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ހޯމަ ދުވަހުގެ ރޭ އެ މަނިކުފާނު ވަނީ މި ސަރުކާރުން ޚަރަދު ކުރާއިރު، އާމްދަނީ އިތުރުކުރާނެ މަޝްރޫއުތައް ނުހިންގާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.