މިނިވަންކަން ހިމާޔަތްކުރާ ވެރިން ގައުމުތަކާ ހަތުރުވެރިނުވާނެ، އިންޑިއާ ސިފައިން މައްސަލައިގައި އިސްކުރެއްވީ ޑިޕްލޮމެސީ: ޣައްސާން

ޣައްސާނާއި ރައީސް މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަންކަން ހިމާޔަތްކުރަން ދަންނަ ވެރިން ގައުމުތަކާ އިސްވެ ހަތުރުވެރި ނުވާނެކަމަށާ އިންޑިއާ ސިފައިންގެ މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްކުރެއްވީ ޑިޕްލޮމެސީ ކަމުގައި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޣައްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ދިވެހި ޚާރިޖީޔާގެ އެންމެ މަތީ ވެރިޔާ ކަމުގައެވެ. އަދި ޤައުމުގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލު ހިމާޔަތްކުރަން އެނގޭ ވެރިން، އެއްވެސް ބަޔަކާ އިސްވެ ހަތުރުވެރިވާން ނުވިސްނަވާނެ ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އިންޑިއާ ސިފައިންގެ މައްސަލައިގައި، އިސް ޗީފް ޑިޕްލޮމެޓްގެ ހައިސިއްޔަތުން ރައީސް އިސްކުރެއްވީ ޑިޕްލޮމެސީ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ރީތިކޮން އެމަނިކުފާނު ދެންނެވީ ދިވެހި ރައްޔިތުން ބޭނުމެއް ނުވެއޭ އިންޑިޔާ ސިފައިން މިފަސްގަނޑުގައި ތިބޭކަށް. ތިމަން މަނިކުފާނުގެ ވައުދުފުޅެކޭ އެ ސިފައިން މިފަސްގަނޑުން ފޮނުވާލުމަކީ." ޣައްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސް ކުރެއްވި މަސައްކަތްޕުޅުން، މިދިޔަ މޭމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މި ގައުމުގައި ގާއިމްވެ ތިބި އިނޑިޔާ ސިފައިން މިހާރު ނެތް ކަމަށެވެ.

ޣައްސާން ވިދާޅުވީ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލު ހިމާޔަތް ކުރުމަށް ރައީސް ކުރެއްވި އަނެއް ކަމަކީ ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުން ކަމުގައެވެ. އެގޮތުން ދިވެހި ސިފައިންގެ އެއާފޯސް އުފައްދަވާ އެ ޚިދުމަތައް ދުނިޔެ ގަބޫލުކުރާ ޓެކްނޮލޮޖީގެ ޚިދުމަތް ދެއްވާފައިވާކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

ވަޒީރު ވަނީ ރައީސްގެ ވިސްނުންފުޅާއެކު ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށްދެއްވުމުގެ މަސައްކަތް ކުރާއިރު، އެމަނިކުފާނުގެ ފަހަތުގައި ސާބިތުކަމާއި ފަޚުރުވެރިކަމާއެކު ދިވެހި ސިފައިންގެ ލަޝްކަރު އޮތްކަމުގެ ޔަގީންކަން އަރުވާފައެވެ.

comment ކޮމެންޓް