މަސްވެރިންނަށް މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ދޫކޮށްފި

މަސްވެރިން މަސް ހިފައިގެން ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، މިހާތަނަށް 998.7 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.

މިފްކޯއިން ބުނި ގޮތުގައި މިދިޔަ ޖޫންމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ 998.7 މިލިއަން ރުފިޔާ ވަނީ ދޫކޮށް ޚަލާސްކޮށްފައެވެ.

މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން މަސްވެރިން އިހުތިޖާޖު ވެސް ކުރިއެވެ. އައްޑޫގެ އިތުރުން ދ. ކުޑަހުވަދޫގައި ވެސް މަސްވެރިން އެ އިހުތިޖާޖުކުރިއެވެ. އިހުތިޖާޖު ހުއްޓައިލީ މި ހިނގާ ޖުލައިމަހުގެ އެއްވަނަ ދުވަހު، މިފްކޯއިން އެ ފައިސާ މަސްވެރިންނަށް ޖަމާކުރަން ފެށުމުންނެވެ.

https://sun.mv/193818

މިފްކޯއިން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށް ނިންމައި، ގެނައި ބަދަލާ އެކު، މަސްވެރިން ކިރާ މަހަށް ދެ ހަފުތާގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ މީގެ ކުރީން ވިދާޅުވެފައެވެ.

މި ސަރުކާރުން ވައުދުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާދޭނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ މާލީ ހާލަތާއި މިފްކޯގެ ހާލަތަށް ބަލައި، އެ ވައުދު އަދި ފުއްދެން ނެތް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަަލަށް މިފްކޯއިން މަސް ގަންނަ އެންމެ މަތީ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 16 ރުފިޔާއެވެ. އެ އަގު ކޮންމެ ހަފުތާއަކު މިފްކޯއިން އާންމުކޮށް، އިޢުލާނު ކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

https://sun.mv/193778

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ތެރޭގައި ވަނީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު އޭރު އޮތް ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރަން ނިންމިއެވެ.

comment ކޮމެންޓް