ފައިސާ ދޫކުރަން ފެށުމުން އައްޑޫގައި މަސްވެރިންގެ މުޒާހަރާ ހުއްޓާލައިފި

އޭއެފްސީ ބޭރުގައި މީހުން އެއްވެފައި: އެ މުޒާހަރާ މިހާރު ހުއްޓާލާފައިވާ ކަމަށް މިފްކޯއިން ބުނޭ -- ފޮޓޯ/ މިފްކޯ

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޫކުރަން ފެށުމުން، އައްޑޫ ސިޓީގައި މަސްވެރިން ކުރަމުން އައި މުޒާހަރާ މިރޭ ހުއްޓާލައިފިއެވެ.

މިއަދު މިފްކޯއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އޮޑިވެރިންނަށް ނުދެވި ހުރި 53 މިލިއަން ރުފިޔާ ޖަމާކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ބުނެފައެވެ.

އޭގެ ފަހުން މިފްކޯއިން ވަނީ، އައްޑު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ކައިރީގައި ފާއިތުވި 10 ދުވަހު މުޒާހަރާ ކުރަމުން އައި 15 އެއްހާ މަސްދޯންޏަށް ނިސްބަތްވާ މަސްވެރިން އެ ސަރަހައްދު ދޫކޮށް ދާން ފަށައިފައިވާ ކަމަށް ބުނެފައެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވާތީ, ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ކައިރީގައި މުޒާހަރާ ކުރަން ފެށީ މިދިޔަ މަހުގެ 19ގައެވެ. އެ މުޒާހަރާގެ ތެރެއިން އެ ކޮމްޕްލެކްސްއިން ކަރަންޓު ކަނޑައިލައި އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނައެވެ.

އެއަށްފަހު އޭއެފްސީއަށް ކަރަންޓު ފޯރުކޮށްދޭން ފެށީ ފުލުހުންނާއެކު ކުރި މަސައްކަތުންނެވެ.

މިފްކޯއިން މިހާރު މަސް ގަންނަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށް ބުނެ، އިއްޔެ އެ ކުންފުނިން ވަނީ ދެން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގައި ކަމަށް އިއުލާންކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް މިފްކޯއިން މަސް ގަންނަ އެންމެ ބޮޑު އަގަކީ 16 ރުފިޔާއެވެ.

މިއަދު ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، އެ ބަދަލާއެކު މަސްވެރިން ކިރާ މަހަށް ފައިސާ ދޫކުރެވޭނީ ދެ ހަފުތާތެރޭ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން މަސްވެރިންގެ ލާރި ނުދީގެން އައްޑޫގެ އިތުރުން ދ. ކުޑަހުވަދޫގައި ވެސް މިދިޔަ ހަފުތާގައި އިހުތިޖާޖުކުރިއެވެ.

comment ކޮމެންޓް