މިއީ ދަރާގެ ދެ އަނބިން، ފޮޓޯތަކުގެ ހަގީގަތް މި އޮތީ!

"ކަމަނާ"ގެ ޕްރޮމޯޝަން ޕޯސްޓެއްގައި ދަރާ ރަޝީދާއި ނަތާޝާ، އަދި އާޝާ --

އިއްޔެ އެންމެންގެ ސަމާލުކަން ދަމައިގަތީ ޒުވާން ފަންނާނު އައިމިނަތު ރަޝްފާ (އާޝާ) އާއި ވެޓެރަން އެކްޓަރު މުހައްމަދު ރަޝީދު (ދަރާ)، 60އ، އާ އެކީގައި ހުއްޓިލައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯ ގަނޑެކެވެ.

އެއީ އެ ފޮޓޯގަނޑުގެ މޮޅުކަމަކުން ނޫނެވެ. އޭގައި ލިޔެފައި އޮތް ވާހަކައިގެ ބޮޑުކަމުންނެވެ. އާޝާގެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ދެ މީހުން އެކީގައި ގުޅިގެން އުޅެން ފަށައިފައިވާ ކަމަށެވެ. އަދި ދިރިއުޅުން އެކީގައި ހޭދަކުރުމަށް ތައްޔާރުކަމަށް އާޝާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އުމުރަކީ ލޯތްބަށް އޮތް ހުރަހެއް ނޫން ކަމުގައި ވެސް އޭނާ ޕޯސްޓުގައި ބުނެއެވެ. ކެޕްޝަންގެ ހޭޝްޓެގްގައި ވެސް ވަނީ "މެރިޑް ލައިފް" އާއި "އޭޖް އިޒް ޖަސްޓް އަ ނަމްބާ" ފަދަ ވާހަކަތަކެވެ.

އެކަމު މިހާރު އެ މާނަފުން ޕޯސްޓުގެ ހަގީގީ ބޭނުން އާޝާ މިވަނީ "ސަން"އާ ހިއްސާކޮށްފައެވެ. އެއާއެކު މިއަދު ފިލްމީ ތަރި ނަތާޝާ އާއި ދަރާ ރަޝީދު އެކުގައި ފެންނަ ފޮޓޯއެއް ވެސް ވަނީ ދޫކޮށްލައިފައެވެ. ފިލްމުގައި ނަތާޝާ ފެންނާނީ ދަރާ ރަޝީދުގެ ފުރަތަމަ އަނބިމީހާގެ ރޯލުންނެވެ.

ކަމަނާގެ ޕްރޮމޯޝަން ޕޯސްޓެއްގައި ދަރާ ރަޝީދާއި ނަތާޝާ --

ގިނަ ބައެއްގެ ސަމާލުކަަން އެކި ގޮތްގޮތަށް ދަމައިގެން އެ ޕޯސްޓާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަމުން އާޝާ ބުނީ އެއީ ފިލްމު "ކަމަނާ"ގެ ޕްރޮމޯޝަނަށް ޝޫޓުކުރި ފޮޓޯތަކެއްކަމަށާއި، އެއީ ޕްރޮމޯޝަން ޕޯސްޓެއް ކަމަށެވެ.

އަދި އެއީ އެންމެންގެ މެދުގައި ޝައުގު އުފައްދަން ޑައިރެކްޓަރުގެ ސީދާ އިރުޝާދާ އެއްގޮތަށް ކުރި ކަމެއްކަމަށް ވެސް ބުންޏެވެ.

"ޑައިރެކްޓަރު ބުނި ގޮތަށް އެ ޖައްސައިފައި އިންނާނީ. ހަމަ ވަރަށް ބޮޑަށް އެޓެންޝަން ލިބުނު އެއަށް. އިއްޔެ އާޝާގެ ފޮޓޯލީ. މިއަދު ނަތާޝާގެ ފޮޓޯ އެ ލީ،" ފިިލްމީ ތަރި އާޝާ ބުންޏެވެ.

އާޝާ ބުނީ މިހާރު ބެލުންތެރިންނަށް ވެސް މިއީ "ކަމަނާ"ގެ ޕްރޮމޯޝަންކަން ޔަގީންވާނެ ކަމަށެވެ.

ނަމަވެސް އާޝާ ބުނި ގޮތުގައި އިއްޔެ އާޝާ އާންމުކުރި ޕޯސްޓާއެކު ބައެއް މީހުންގެ ނުރުހުމާއި، ޒާތީ ފާޑުކިޔުން ވެސް އޭނާއަށް އަމާޒުވެފައި ހުއްޓެވެ.

https://sun.mv/193950

ފިލްމު "ކަމަނާ"އިން ދޭން ބޭނުންވާ އެއް މެސެޖު އެ ކަމުން ވެސް އެނގޭކަމަށް އޭނާ ބުންޏެވެ. އެގޮތުން އެއީ މިއީ އަނިޔާއާ އާއި އެކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، މުޖުތަމައުގައި ކުރިމަތިލާން ޖެހޭ ކަންކަން ފެންނާނެ ފިލްމެއް ކަމަށް ފާހަގަކުރިއެވެ.

"ބައެއް މީހުން ނުބަލާ އޭގެ ހަގީގަތެއް. ހަމަ ޕާސަނަލް ވެފައި ވެސް ބައެއް މީހުން ވަރަށް ހަޑިކޮށް އެއްޗެހި ކިޔައިފައި އެބަހުރި ދޯ. އެ ވެސް ހަމަ ދެވޭ އަނިޔާއެކޭ. އެކަމު ހަމަ ރީތި ގޮތުގައި އަހައިލެވޭނެ ދޯ މިއީ ކިހިނެއްވާ އެއްޗެއްތޯ، އެ ބަލައިލައިފައި ގެޓުވާ މީހުންނަށް ގެޓު ވެސް ވީ އެއްޗެހި ކިޔާ މީހުން އެއްޗެހި ވެސް ކިއީ،" އާޝާ ބުންޏެވެ.

އާޝާ ބުނި ގޮތުގައި "ކަމަނާ" ވެގެންދާނީ ބެލުންތެރިން ބަލާ ހިތްވާ ފަދަ މުޖުތަމައުގެ ހާލަތު ދައްކުވައިދޭ ފިލްމަކަށެވެ.

comment ކޮމެންޓް