ލެމަން ގްރާސް: ކެއުމުގެ އިތުރުން ބޭސްވެރިކަމަށް ވެސް ބޭނުންކުރާ މުހިއްމު ބާވަތެއް

ލެމަން ގްރާސް ސަޔަކީ ވެސް ވަރަށް ގިނަ މީހުންނަށް ކަމުދާ ބުއިމެއް--ފޮޓޯ/ޕިންޓްރެސްޓް

ލެމަން ގްރާސްއަކީ މިހާރަކަށް އައިސް ދިވެހީންގެތެރޭ ވެސް ވަރަށް އާއްމުކޮށް ބޭނުންކޮށް އުޅޭ ބާވަތެކެވެ.

ބާޒާރުމަތިންނާއި ބައެއް ފިހާރަތަކުން ލެމަން ގްރާސް ފަސޭހައިން ލިބެން ހުރިއިރު މިއީ ގޭގައި ވެސް ވަރަށް ފަސޭހައިން ހައްދާލެވޭ ގަހެކެވެ. މިއީ ކެއުމުގެ އިތުރުން އެކި ބައްރުތަކުގައި ބޭސްވެރިކަމަށް ވެސް ބޭނުންކުރާ ވަރަށް މުހިއްމު ބާވަތެކެވެ.

ލެމަންގްރާސް ބޭނުންކޮށްގެން ފަރުވާ ދޭ ބަލިތަކުގެ ތެރޭ ބަނޑުހަރުވުން، ނާރުގެ ބަލިތައް އަދި ލޭ މައްޗަށް ދިއުން ހިމެނެއެވެ.

އޭޝިއަން އިންސްޓިޓިއުޓް އޮފް ގެސްޓްރޮއެންޓަރޮލޮޖީ ހޮސްޕިޓަލް (އޭއައިޖީ ހޮސްޕިޓަލް)ގައި މައިކްރޯބައޮލޮޖިސްޓް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޖަބީން ބޭގަމް އެމްޑީ މުތާލިއާ ޝާއިއު ކުރެއްވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ލެމަންގްރާސް އަކީ އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް މާއްދާތައް އޭގައި އެކުލެވޭ ބާވަތެކެވެ.

ލެމަން ގްރާސް ބޭނުންކޮށްގެން ތައްޔާރުކުރާ ތެލަކީ ވެސް ވަރަށް ގިނަ ބަޔަކު ގޭތެރޭގެ ވަސް ރަނގަޅުކޮށްލަން ބޭނުންކުރާ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

އެހެންކަމުން މިއީ އިހުސާސް ކުރެވޭ ތަދުތަކަށް ލުއިއެއް ލިބި ހުން މަޑުކޮށް ދިނުމަށް އެހީތެރިވެދޭ މުހިއްމު ބާވަތެކެވެ. ހަމައެއާއެކު ލެމަންގްރާސްގައި އެކުލެވޭ ސިޓްރަލް މާއްދާގެ ސަބަބުން ހަށިގަނޑުގެ އިންފްލެމޭޝަން ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.

ޖަބީން ބޭގަމް އެމްޑީ މުތާލިއާ ކުރެއްވި ލިޔުމުގައި ބުނެފައިވާ ގޮތުގައި ލެމަންގްރާސްއަކީ ހަށިގަނޑުގެ ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދީ، ހިތުގެ ބަލިތަކަށް ވެސް ވަރަށް ރަނގަޅު ބާވަތެކެވެ.

އާއްމުގޮތެއްގައި ލެމަންގްރާސް ބޭނުންކުރާ ކެއުންތަކުގެތެރޭ ތަފާތު ވައްތަރުގެ ސޫޕް އަދި ސީފުޑް ކެއުންތައް ހިމެނޭ--ފޮޓޯ/ޕިންޓްރެސްޓް

ހަމައެއާއެކު ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް ބޭނުންވާ ނަމަ ލެމަންގްރާސް އާދަކޮށް ބޭނުން ކުރުން މުހިއްމު ކަމަށް މި ލިޔުމުގައި ބުނެފައިވެއެވެ.

ލެމަންގާރްސް މާގިނައިން ބޭނުން ކުރުމަކީ އޭގެން އެލާޖިކް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުން އެފަދަ ކަމެއް ތަހައްމަލު ކުރެވިއްޖެނަމަ ޑޮކްޓަރެއްގެ އެހީތެރިކަން އަވަހަށް ހޯދުން މުހިއްމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު