އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މިއުޒިކަލް އިންސްޓްރޫމެންޓް މާކެޓް ޕްލޭސްގެ ބައްދަލުވުމަކަށް ހާޒިރު ނުވެގެން ކުންފުނީގެ 110 މުވައްޒަފުންގެ ތެރެއިން 99 މުވައްޒަފުން ކުންފުނީގެ ވަޒީފާއިން ވަކިކޮށްފިއެވެ.
މި ކުންފުނީގެ ސީއީއޯ ބޯލްޑްވިން މުވައްޒަފުން ވަކިކުރިކަން އިއުލާނުކޮށްފައިވަނީ ސްލެކް މެސެޖެއް މެދުވެރިކޮށެވެ. އެ ކުންފުނީގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކު އެ މެސެޖު ރެޑިޓްގައި ހިއްސާކުރުމާ އެކު ގިނަ ބައެއްގެ ސަމާލުކަން އެ ކަމަށް ވަނީ ލިބިފައެވެ.
"މިއަދު ހެނދުނު ތާވަލުކުރި ބައްދަލުވުމަށް ހާޒިރުނުވި ހުރިހާ މީހުންނަށް މިއީ އެ މީހުން ވަޒީފާއިން ވަކިކުރިކަމުގެ ރަސްމީ ނޯޓިސް ކަމުގައި ބުނަން. ތިޔަ ހުރިހާ އެންމެން ވެސް ވަޒީފާއިން ވަކިކޮށްފިން،" މިއުޒިކަލް އިންސްޓްރޫމެންޓް މާކެޓް ޕްލޭސްގެ ސީއީއޯ ބޯލްޑްވިން މުވައްޒަފުންނަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
ސީއީއޯ ބޯލްޑްވިންގެ މެސެޖުގައި އިތުރަށް ބުނެފައިވަނީ ކުންފުނީގެ މުވައްޒަފުން އެ މީހުންގެ ކޮންޓްރެކްޓާ ޚިލާފުވެފައިވާ ކަމަށާއި ސޮއިކޮށްފައިވާ ކޮންޓްރެކްޓްގައި އެއްބަސްވި ގޮތަށް މަސައްކަތްތައް ފުރިހަމަނުކުރެވި ފެއިލްވެފައިވާ ކަމަށެވެ.
ކުންފުންޏަށް ނިސްބަތްވާ އެއްވެސް މުދަލެއް ވަކިކުރި މުވައްޒަފުންގެ އަތުގައި ހުރިނަމަ އެ މުދަލެއް އަނބުރާ ކުންފުންޏާ ހަވާލުކޮށް އެ ކުންފުނީގެ އެކައުންޓުތަކުން ބޭރުވުމަށް ސީއީއޯ ވަނީ އަންގާފައެވެ.
ކުންފުނީގައި ތިބި 110 މީހުންގެ ތެރެއިން ބައްދަލުވުމަށް ހާޒިރުވީ އެންމެ 11 މުވައްޒަފުންނެވެ.
ބޯލްޑްވިން މާޔޫސްވެ ހުރެ ފޮނުވި މެސެޖުގައި އިތުރަށް ބުނެފައިވަނީ ވަކިކުރި މުވައްޒަފުންގެ ދިރިއުޅުމަށް ކުރިއެރުން ހޯދައިދީ އިތުރަށް ތަރައްޤީވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ދެވުނު ނަމަވެސް އެ މުވައްޒަފުން ފުރުސަތުގެ ބޭނުން ނުހިފި ކަމަށެވެ.
އެހެންކަމުން އެފަދަ ބަޔަކަށް ބޯލްޑްވިންގެ ކުންފުނީގެ ވިޔަފާރީގައި އެއްވެސް ފުރުސަތެއް ނެތް ކަމަށް ބުނެ، ހަޑިހުތުރު ބަހުން މުއާމަލާތުކޮށްފައިވާ ކަމަށް މި މެސެޖު އާއްމުކުރި އިންޓާން ވަނީ ބުނެފައެވެ.
ރެޑިޓުގައި މި މެސެޖު އާއްމުކުރަމުން އޭނާ ބުނީ، ސްލެކްގައި މަސައްކަތް ފެށިއިރު އޭނާގެ ޑިވިޝަންގެ ސިސްޓަމްތަކަށް ވަނުމުގެ ހުއްދަނުދޭ ކަމަށާއި ބައްދަލުވުމަށް ދާންޖެހޭކަމުގެ ނޯޓިސް ކުރިން ލިބިފައިނުވާ ކަމަށެވެ.
އޭނާ މަސައްކަތްކުރި ޓީމުގެ ލީޑަރުން ސީއީއޯ ބޯލްޑްވިންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ކަމަށް ވެސް ރެޑިޓްގައި މެސެޖު އާއްމުކުރި އިންޓާން ވަނީ ބުނެފައެވެ.
ރެޑިޓުގައި ހަރަކާތްތެރިވެ އުޅޭ ގިނަ ބަޔަކު ބުނެފައިވަނީ މި ކަމުގައި ސީއީއޯގެ ފަރާތުން ކޮންމެ ވެސް ކަމެއް ގޯސްކޮށް ހިނގާފައިވާކަން ދޭހަވާ ކަމަށާއި 99 މީހުން ބައްދަލުވުމަކަށް ހާޒިރުނުވެވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި މުވައްޒަފުންނަށް ބައްދަލުވުމެއް އޮތްކަން އެންގުމަށް މެސެޖު ފޮނުވުމުގައި ސީއީއޯ ފެއިލްވެފައިވާކަން ދޭހަވާއިރު ބައްދަލުވުމަކަށް ހާޒިރު ނުވެވުމުން ކުންފުނީގެ 90 އިންސައްތަ މުވައްޒަފުން ވަކިކުރުމުގެ ފަހަތުގައި ގޮތް ނޭނގޭ ކަންތައްތަކެއްވާ ކަމަށް ޝައްކުކުރެވޭ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.