އާޝާ އާއި ދަރާ ކައިވެނި ކުރީތަ؟

އައިމިނަތު ރަޝްފާ (އާޝާ) އާއި މުހައްމަދު ރަޝީދު (ދަރާ) އެކީގައި ފެންނަ ޕޯސްޓް

ދިވެހީންގެ މުޅި ސޯޝަލް މީޑިއާގައި މިރޭ އޮތީ އެއް ވާހަކައެކެވެ. އެތައް ބައެއްގެ މެދުގައި ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު މިއިން އެއްވެސް ސުވާލަކަށް މީހަކު ޖަވާބު ދޭކަށް ނޫޅެއެވެ. މި ހުރިހާ ކަމެއް ވެސް ފެށުނީ އެންމެ ޕޯސްޓަކުންނެވެ. ޒުވާން ފަންނާނު އައިމިނަތު ރަޝްފާ (އާޝާ) މިރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓަކުންނެވެ.

ޓިކްޓޮކުން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އުމުރުން 25 އަހަރުގެ ތަރި އާޝާ މިރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއަކާ ގުޅިގެން އެންމެން ކުރަނީ އެއް ސުވާލެކެވެ. އެއީ މިއީ ކިހިނެއްވީ ކަމެއްތޯއެވެ.

އާޝާ ސޯޝަލް މީޑިއާއަށް ޕޯސްޓުކުރި ފޮޓޯއެއްގައި ފެންނަނީ ވެޓެރަން އެކްޓަރު މުހައްމަދު ރަޝީދު (ދަރާ)، 60އ، އާ އެކީގައި ހުއްޓިލައިގެން ހުންނަ މަންޒަރެވެ. ދެމީހުން ގާތްކޮށް ތިބިއިރު، އެންމެން ޝައުގުވެރިވެފައިވަނީ ޕޯސްޓުގައި ބޭނުންކުރި ކެޕްޝަނުންނެވެ.

View this post on Instagram

A post shared by Aasha (@chuweety_aashaa)

އާޝާގެ ޕޯސްޓުގައި އޭނާ އިޝާރާތް ކުރަނީ ދެމީހުން ގުޅިގެން އުޅޭ ކަމަށެވެ. އަދި ދިރިއުޅުން އެކީގައި ހޭދަކުރުމަށް ރެޑީ ކަމަށް އާޝާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އުމުރަކީ ލޯތްބަށް އޮތް ހުރަހެއް ނޫން ކަމުގައި ވެސް އޭނާ ޕޯސްޓުގައި ބުނެއެވެ.

ކެޕްޝަންގެ ހޭޝްޓެގްގައި ވެސް ވަނީ "މެރިޑް ލައިފް" އާއި "އޭޖް އިޒް ޖަސްޓް އަ ނަމްބާ" ފަދަ ވާހަކަތަކެވެ.

މި ޕޯސްޓު އާންމު ކުރުމާއެކު ދިވެހި ފިލްމު އިންޑަސްޓްރީގައި ހިމެނޭ އެތައް ފަންނާނުންނެއް ވެސް ވަނީ ދެމީހުންނަށް މަރުހަބާ ކިޔައި ޕޯސްޓުތައް ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުމުން އާޝާ ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ދަރާ ގާތުން މައުލޫމާތު ސާފުކުރުމަށް ގުޅާފައިވާއިރު އޭނާގެ ފަރާތުން ވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް ދިވެހި ފިލްމު އިންޑަސްޓްރީގެ ނަން މަޝްހޫރު ފަރާތެއް "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މި ޕޯސްޓަކީ ދެމީހުން އެކީގައި ފެންނަ ފިލްމެއްގެ ޕްރޮމޯޝަނަށް އާންމުކުރި ޕޯސްޓެކެވެ. އެކަމަކު މި ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ފިލްމުގައި ދެމީހުން ލީޑް ރޯލުން ފެންނާނެއެވެ. އަދި ޕޯސްޓުގައި އިޝާރާތް ކުރާ ލޯބީގެ ވާހަކަ މި ފިލްމުން ފެންނާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި އާންމު ކުރާނެ ކަމަށް އެނގިފައިވެއެވެ.

comment ކޮމެންޓް