ކޮންމެ ދުވަހަކު ވެސް އާފަލެއް ކެއުމަށް އާދަކޮށްފިނަމަ ޑޮކްޓަރަށް ދާން ނުޖެހޭނެ ކަމަށް ބުނާ ބުނުމަކީ ވަރަށް ގިނައިން އަޑު އިވޭ ވާހަކައެކެވެ.
ސައިންޓިފިކް ދިރާސާތަކުން ދައްކަނީ، އެއް އާފަލަށް ވުރެ ގިނަ އާފަލު ދުވާލެއްގެ މައްޗަށް ކެޔަސް ޑޮކްޓަރުންނަށް ޒިޔާރަތް ކުރަން ޖެހޭ މިންވަރު މަދުވުމާއި ގިނަވުމާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އެހެންނަމަވެސް އާފަލަކީ ނިއުޓްރިއަންޓްސްއިން މުއްސަނދި މޭވާއެއް ކަމުން ވަރަށް ގިނަ ބަލިތަކުން ރައްކާތެރިކޮށްދިނުމުގައި އެހީވެދޭ ކަމަށް ވަނީ ބެލެވިފައެވެ.
'އޭން އެޕްލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އަވޭ'އަކީ 1913 ވަނަ އަހަރުތެރޭ ގިނަ ބައެއްގެ މެދުގައި އާއްމުވެ 1866 ވަނަ އަހަރުން ފެށީގެން ހަރުބަހެއްގެ ގޮތުގައި ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ބަހެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޑޮކްޓަރަށް ދައްކަން ދިއުން މަދުކޮށް ދިނުމަށް އެހީތެރިވެދޭނެ މި މޭވާ އަކީ އަހަރުމެންގެ ކެއުމުގައި ހިމަނާލެވޭނެ އެންމެ މުހިއްމު ފައިދާހުރި އެއް މޭވާއެވެ.
އާފަލުގައި ހިމެނޭ މުހިއްމު ނިއުޓްރިއެންޓްތަކަށް ބަލާއިރު ކާބްސް، ފައިބަ، ވިޓަމިން ސީ، ކޮޕަ، ޕޮޓޭސިއަމް، ވިޓަމިން ކޭ ހިމެނެއެވެ.
އާފަލަކީ ހަށިގަނޑަށް މުހިއްމު އެންޓިއޮކްސިޑެންޓްތައް ފޯރުކޮށްދިނުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ. ހަމައެއާއެކު އާފަލަކީ ހިތުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، އިންފްލެމޭޝަން ދަށްކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށް ކޮލެސްޓްރޯލް ލެވެލް ވަކި މިންވަރަކަށް ބަހައްޓައިދިނުމަށް އެހީތެރިވެދޭ މޭވާއެކެވެ.
މީގެއިތުރުން ބަރުދަން ލުއިކޮށްދީ، ކަށިތައް ވަރުގަދަކޮށްދީ، ހަކުރު ބަލި ކޮންޓްރޯލް ކުރުން ފަދަ ކަންކަމަކީ އާފަލު ކާނަމަ ލިބޭނެ ސިއްހީ ފައިދާތަކެވެ.
އާފަލުގެ އެކި ކުލަތައް ބާޒާރުން ލިބެން ހުންނައިރު މި މޭވާގެ ވަރަށް ގިނަ ވައްތަރުތައް ވެސް ލިބެން ހުރެއެވެ. މިއިން ކޮންމެ ވައްތަރަކީ ވެސް ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ ވައްތަރަކަށްވާ އިރު އެކި ވައްތަރުގެ އާފަލުގެ ރަހަ ވެސް ވަރަށް ތަފާތުވެފައި އެހާމެ މީރެވެ.