ޖިނާއީ ކުށްތަކުގެ ޖޫރިމަނާ ނުދައްކާ މީހުން ޖަލަށްލަނީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ޖިނާއީ ކުށްތަކުގެ ޖޫރިމަނާ ނުދައްކާ މީހުން ޖަލަށްލާން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ ކުށްތަކާ ގުޅިގެން ޝަރުޢީ ކޯޓުތަކުން އިއްވާ ޖޫރިމަނާގެ އަދަބުތަކާ އެއްގޮތަށް ފައިސާ ނުދައްކާ ކުށްވެރިންގެ އަދަބު، ޖަލު އަދަބަށް ބަދަލުކޮށްދޭން ދަށު ކޯޓުގައި އެދެން ފަށާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

އާ ގާނޫނުލްއުގޫބާތާ އެކު ނިސްބަތުން ކުދި ކުށް ކުރާ މީހުން ޖަލަށް ލުމުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ މުޖުތަމައަށް ޚިދުމަތްކުރުން ފަދަ ލުއި އަދަބެއް ކަނޑައެޅުމުގެ ފުރުޞަތު އޮވެއެވެ.

ޕީޖީ އޮފީހުގެ ވެބްސައިޓުގައި މިއަދު އާންމުކުރި ލިޔުމެއްގައި ބުނީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ދޭ މައުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް ދަށު ކޯޓުގައި އެދެން ފަށާފައިވާ ކަމަށެވެ.

އެ ގޮތުން، މީހަކު ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާކަން މީރާއިން އަންގާތާ 30 ދުވަހުގެ ތެރޭގައި، އެ މީހާގެ ޖޫރިމަނާ އަދަބު ޖަލު އަދަބަކަށް ބަދަލުކުރަން އެދި ހުށަހެޅޭނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެހެންވެ، މީގެ ފަހުން ޖޫރިމަނާ ފައިސާ ނުދައްކާނަމަ، ކުށުގެ އަދަބު ޖަލު އަދަބަށް ބަދަލުކުރެވޭނެއެވެ. އެއީ، ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން ކަމަށްވާތީއެވެ.

ޖޫރިމަނާ އަދަބެއް ކޯޓުން ކަނޑައަޅަނީ ޖޫރިމަނާ ފައިސާ ދެއްކޭނެ ވަޞީލަތް ހުރިކަން ކޯޓުން ކަށަވަރުކުރުމަށް ފަހުއެވެ. އެހެންކަމުން ޖިނާއީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާ ފައިސާ ނުދެއްކުމަށް ދެއްކޭނެ ޙުއްޖަތެއް ނޯންނާނެ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރިއެވެ.

ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުމެވެ. ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެކެވެ.

އެހެންވެ، ޕީޖީ އޮފީހުން ބުނީ ޖޫރިމަނާގެ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ނަތީޖާއަކަށްވަނީ އެ މީހާ ކުރި ކުށަށް އަދަބު ނުލިބުން ކަމަށެވެ. އެ މައްސަލަ ކުރިމަތިވަމުން އަންނަކަން ފާހަގަކޮށް އެ އޮފީހުން ބުނީ، ޤާނޫނުލްޢުޤޫބާތުން ދޭ ލުއި ނަހަމަ ގޮތުގައި ބައެއް މީހުން ބޭނުންކުރާ ކަމަށެވެ.

comment ކޮމެންޓް