ޚަރަދު ކުޑަކުރަން ވައިގެ މަގުން ޓިކެޓު ނަގާ އުސޫލު ބަދަލުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް ޓިކެޓު ނެގުމުގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައި -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް ޓިކެޓު ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤު ސޮއިކުރައްވައި، މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައިވަނީ ވައިގެ މަގުން ދިވެހިރާއްޖެއާއި ރާއްޖޭން ބޭރުގެ ހުރިހާ މަންޒިލަކަށް ސަރުކާރުން ކުރާ ދަތުރުތައް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޓްރެވަލް ޑިވިޝަން ކަމުގައިވާ މޯލްޑިވިއަން ހޮލިޑޭސްއިން ކުރާ ގޮތަށް އެކެއް ޖެނުއަރީ 2016ގައި ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް، މާދަމާއިން ފެށިގެން އެ އުސޫލު އުވާލުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައިވެއެވެ.

އެ ގޮތުން، މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލުތައް ފިޔަވައި، އެހެނިހެން މަންޒިލުތަކަށް ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް، ސީދާ އެއާލައިންތަކުގެ އަގުތައް ބެލުމަށް ފަހު، އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެން ހުރި އެއާލައިނަކުން، ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓު ހޯދަން ވަނީ ނިންމައިފައެވެ.

ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް މި ބަދަލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ކުރި ބޭރު ދަތުރުތަކުގެ ޚަރަދަށް 108.1 މިލިއަން ރުފިޔާވަނީ އަރައިފައެވެ. ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި މި އަހަރުގެ ބަޖެޓުގައި 228.3 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިދިޔަ އަހަރުގެ މިހާތަނަށް، 120.6 މިލިއަން ރުފިޔާ ސަރުކާރުގެ ދަތުރު ޚަރަދަށް ހޭދަކޮށްފައިވެއެވެ.

https://sun.mv/193568

ސަރުކާރުގެ ދަތުރުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ޚަރަދުކުރެއެވެ. އެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެރިކަމުގެ ތިންވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޖޫން 11ގައި ކުރެއްވި ދަތުރުފުޅަށް ވެސް ދައުލަތުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ނަމަވެސް، ގައުމުގެ މާލީ ހާލަތާއި އިގުތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމުގެ އިތުރުން، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ނުބާއްވަން ރައީސް ވަނީ ނިންމަވާފައެވެ.

https://sun.mv/193663

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވަނީ ވިދާޅުވެފައެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

ރާއްޖެއިން އަބަދު ވެސް ލިބޭ އާމްދަނީއަށް ވުރެ މާ ގިނައިން ޚަރަދުކުރެއެވެ. އެ ފައިސާ ހޯދަނީ އެތެރެއިންނާއި ބޭރުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. މާލީ ނަންބަރުތަކަށް ބަލާއިރު މިހާރު ވެސް ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 100 އިންސައްތައަށް ވުރެ މަތީގައެވެ.

comment ކޮމެންޓް