ފޮކްސްކޮން އައިފޯން ޕްލާންޓްގައި ވަޒީފާ ދިނުމުގައި ތަފާތުކުރޭތޯ ބެލުމަށް ސުވާލުކޮށްފި

އިންޑިއާގެ ލޭބަރުންތަކެއް ---

އިންޑިއާގެ ޓެމިލް ނާޑޫގައި ހުންނަ ފޮކްސްކޮން ކުންފުނީގެ އައިފޯން އުފައްދާ ޕްލާންޓަށް އިންޑިއާގެ ލޭބާ އޮފިޝަލުން ޒިޔާރަތްކޮށް، ވަޒީފާ ދިނުމުގައި ތަފާތުކުރުން ގެންގުޅޭތޯ ބަލައި ސުވާލުކޮށްފިއެވެ.

އެ ޒިޔާރަތް ކުރީ ރޮއިޓާސް ނޫހުން ކުރި ތަހުގީގަކުން، ކައިވެނިކޮށްގެން އުޅޭ އަންހެނުންނާ މެދު އެ ޕްލާންޓްގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ހާމަވުމާ ގުޅިގެންނެވެ.

މިދިޔަ ހޯމަ ދުވަހު ފަސް އޮފިޝަލުންގެ ޓީމަކުން ފެކްޓްރީއަށް ޒިޔާރަތްކޮށް، ވަޒީފާއަދާކުރުމުގެ އާދަތަކާ ބެހޭގޮތުން އެގްޒެކެޓިވްސްއާ ސުވާލުކޮށްފައިވެއެވެ. މި ދަތުރަކީ އިންޑިޔާ ސަރުކާރުން މިކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް ހޯދުމަށް އެދުމުން ކުރި ދަތުރެކެވެ.

ފޮކްސްކޮންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 41،281 މީހުން އެ ފެކްޓްރީގައި ވަޒީފާ އަދާކުރާއިރު، އޭގެ ތެރޭގައި 33،360 އަންހެނުން ހިމެނެއެވެ. އޭގެ ތެރެއިން 2،750 (8 ޕަސެންޓް) މީހުންނަކީ ކައިވެނިކޮށްގެން ތިބި މީހުންނެވެ. ލޭބާ އޮފިޝަލުން ޕްލާންޓްގައި ކައިވެނިކޮށްގެން އުޅޭ 40 އަންހެނަކާ އިންޓަވިއު ކުރިއިރު، ތަފާތުކުރުމާ މެދު އެއްވެސް ކަންބޮޑުވުމެއް އެ މީހުން ފާޅުކޮށްފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް ރޮއިޓާސްގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ފޮކްސްކޮންއިން ކައިވެނިކޮށްގެން އުޅޭ އަންހެނުން އެ ފެކްޓްރީގެ ވަޒީފާތަކުން ބޭރުކޮށްލީ އާއިލީ މަސްއޫލިއްޔަތުތަކާއި، އަދި ވަޒީފާއަށް ހާޒިރުނުވުމުގެ މައްސަލަ ބޮޑު ކަމެއް ބުނެ، ނިޒާމީ ގޮތެއްގައި ރާވައިގެންނެވެ.

އެޕަލް އާއި ފޮކްސްކޮންއިން 2022 ވަނަ އަހަރު ވަޒީފާ ދިނުމުގައި ހުރި ކުށްތައް ގަބޫލުކުރި ނަމަވެސް އެ މައްސަލަތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންނާ މެދު ތަފާތުކުރުން ގެންގުޅުމަކީ އިންޑިއާގެ ގާނޫނުން މަނާކޮށްފައި އޮންނަ ކަމެއް ނޫނެވެ. ނަމަވެސް އެއީ އެޕަލް އާއި ފޮކްސްކޮންގެ އުސޫލުތަކުގެ ދަށުން މަނާ ކަމެކެވެ.

comment ކޮމެންޓް