އިންޑިއާ ފަތުރުވެރިން އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން އެގައުމުގައި ކާނިވަލެއް ބާއްވައިފި

ފަރުރުވެރިކަން ކުރިއެރުވުމަށް އެމްއެމްޕީއާރުސީއިން އިންޑިއާގައި ކާނިވާއެއް ބާއްވައިފި -- ފޮޓޯ/ އެމްއެމްޕީއާރުސީ

ރާއްޖެ ޒިޔާރާތްކުރާ އިންޑިއާ ފަތުރުވެރިން އިތުރުކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިންޑިއާގެ ޕިކްޔޯޓްރެއިލްއާ ގުޅިގެން އެ ގައުމުގައި ކާނިވަލެއް ބާއްވައިފިއެވެ.

ގާގައޮންގެ އެމްބިއަންސް މޯލުގައި މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު މި ކާނިވަލް ބާއްވާފައި ވަނީ "މޯލްޑިވްސް މަހައުތުސަވް"ގެ ނަމުގައެވެ.

މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނާ އައިޝަތު އަޒީމާއެވެ.

ޕިކްޔޯޓްރެއިލާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އިންޓަރެކްޓިވް ހަރަކާތްތަކާއި އިމާސިވް ތަޖުރިބާތައް ބޭނުންކޮށްގެން ރާއްޖޭގެ ރީތިކަމާއި ރާއްޖެއިން އިންޑިއާގެ ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތައް ދައްކާލާފައި ވާކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މި ކާނިވަލުގައި ރާއްޖޭގެ 17 ރިސޯޓެއް ބައިވެރިވެ ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕްރީމިއަމް ރިސޯޓްއޮފާތަކާއި އެކިއެކި ރައްރަށުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި ކޮންމެ ސްޓޯލެއްގައި ވެސް ޕިކްޔޯޓްރެއިލްގެ ހާއްސަ މަންދޫބުންތިބެ ޕާސަނަލައިޒްޑް މައުލޫމާތު ފޯރުކޮށްދިނުމާއި ބައިވެރިންނާ ގުޅިގެން ދަތުރުފަތުރުގެ ލަފާދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

ފަރުރުވެރިކަން ކުރިއެރުވުމަށް އެމްއެމްޕީއާރުސީއިން އިންޑިއާގައި ކާނިވާއެއް ބާއްވައިފި -- ފޮޓޯ/ އެމްއެމްޕީއާރުސީ

މީގެ އިތުރުން ރާއްޖެއާ ގުޅުންހުރި ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިކުރުމުގެ ފުރުސަތުތައް ވެސް މި ކާނިވަލުން ލިބިފައި ވާކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ.

ފިކްޔޯޓްރެއިލްއަކީ ބައިނަލްއަގްވާމީ ދަފުތަރަށް ހާއްސަވެފައިވާ ޓެކްނޮލެޖީ ޕްލެޓްފޯމެކެވެ. 2014ވަނަ އަހަރު އުފެދުނު އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ދަތުރުގެ ކޮންމެ ބައެއްވެސް އަމިއްލައަށް ފަރުމާކުރުމުގެ ފުރުސަތު ދެއެވެ.

ރާއްޖެ ދަތުރުކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އާދަޔާ ޚިލާފަށް މަދުވީ މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ތިން ސްޓޭޓް މިނިސްޓަރަކު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ކުޑައިމީސްކުރުމުގެ ސަބަބުންނެވެ.

ނަމަވެސް، މިދިޔަ އަހަރު ސަރުކާރުން ވަނީ އިންޑިއާ ފަތުރުވެރިން އިތުރުކުރަން އަލުން މަސައްކަތްތައް ފަށއިފައެވެ.

comment ކޮމެންޓް