ދުނިޔޭގެ ފެންވަރުގެ ފޮރެންސިކް ލެބޯޓްރީއަކާއި، މަތީ ފަންތީގެ ތަމްރީނުތައް ހޯދަން އިންޑިއާގެ މަރުކަޒުތަކަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ.
ފުލުހުން ބުނީ މި އެއްބަސްވުންތަކުގައި ސޮއިކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ވަފުދެއް މި މަހު 12 އިން 17 އަށް އިންޑިއާއަށް ކުރި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޝިފާން އިސްކޮށް ހުންނެވި މި ވަފުދުގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު އިޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުގައި ފުލުހުންގެ ޚިދުމަތުގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ޓަކައި އެ ގައުމުގެ ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރި ކަމަށް ބުނެފައިވެއެވެ.
މި ދަތުރުފުޅުގައި ދިވެހި ފުލުހުންގެ ވަފުދުން ބައްދަލުކުރި މުއައްސަސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވާސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވާސިޓީ (އާރްއާރްޔޫ) ހިމެނެއެވެ.
މި އެއްބަސްވުންތަކުގެ ދަށުން، ހާއްސަ ތަހުގީގުތަކާއި، ސައިބާ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއެއް ގާއިމުކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި މުއައްސަސާތަކާއެކު ވެވުނު އެއްބަސްވުންތަކުގެ ދަށުން، ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ މަންހަޖު އެކްރެޑިޓްކުރުމާއި، މުދައްރިސުން ބަދަލުކުރުމާއި އަދި ޓެކްނިކަލް އެހީތެރިކަން ލިބޭނެކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މި އެއްބަސްވުންތަކުގެ ދަށުން، އެންއެފްއެސްޔޫއިން ރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށް ހުށަހަޅައިފައިވާއިރު، އޭގެ އިތުރުން، ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްގީކުރުމަށް އެހީތެރިވުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަމައެއާއެކު އާރްއާރްޔޫއިން ދިވެހި ފަސް ފުލުސް އޮފިސަރުންނަށް ސްކޮލަޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީފެންވަރުގެ ތަމްރީނުތައް ހިންގުމަށް އެއްބަސްވެފައެވެ.
މި އެއްބަސްވުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ފުލުހުންގެ މަސައްކަތުގެ މިންގަނޑުތައް ޒަމާނީކުރުމަށާއި، އޮޕަރޭޝަނަލް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް އެ ޚިދުމަތުން ބުންޏެވެ.