ތިން ދުވަހުގެ ބަހުސަކަށް ފަހު ދަރަންޏާ ބެހޭ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

މިއަދުގެ ޖަލްސާގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލު ވަނީ ކޮމިޓީއަށް ފޮނުވައިފައި -- ފޮޓޯ/ މަޖިލިސް

ތިން ދުވަހުގެ ބަހުސަކަށް ފަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލު މަޖިލިސް ތަޅުމުން މިއަދު ބަލައިގަނެ، އެ ބިލު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މަލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ދަރަންޏާ ބެހޭ ބިލަކީ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުގެ ތެރޭގައި ހިމެނޭ ބިލެކެވެ. މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

ބިލާ ގުޅޭގޮތުން މަމްދޫހު ވިދާޅުވީ، ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ދަރަނި މެނޭޖްކުރުން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ މި ބިލަށް ބަހުސްކުރުމަށް ފަހު ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ވޯޓާއެކު މަޖިލީހުން އެ ބިލު ބަލައިގެންފައެވެ. އަދި އެ ބިލު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

މި ބިލު ފާސްވެ މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑެޓް މެނޭޖުމަންޓް އޮފީހެއް ގާއިމްކުރުމަށް ލާޒިމްކުރެއެވެ. އެ އޮފީހުން ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށްޓަކައި މިނިސްޓަރު ކުރަންޖެހޭ ކަންކަން ކުރުމަށާއި، ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމުގެ މަސައްކަތް ކުރަންޖެހެއެވެ.

އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ އޮފީސް ގާއިމްކުރަން ޖެހޭ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

ހަމައެއާއެކު މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުންއައި ފިނޭންސް މިނިސްޓްރީގެ "ޑެޓް މެނޭޖުމަންޓް ޑިޕާޓްމަންޓް"ގެ އެންމެހައި ގާނޫނީ ޒިންމާތަކާއި މުވައްޒަފުންނާއި މުދާތައް ޑެޓް މެނޭޖުމަންޓް އޮފީސްގެ ދަށަށް ބަދަލުވާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ދަރަންޏާ ބެހޭ ބިލުގައި ހިމެނޭ އިތުރު ކަންތައްތައް:

  • ދައުލަތުގެ ދަރަނި ނެގުމާ ބެހޭ އުސޫލުތައް
  • ދަރަނި މެނޭޖުކުރުމާ ބެހޭ އުސޫލުތައް
  • ދައުލަތުގެ ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓް ކުރުމާ ގުޅޭ އުސޫލުތައް
  • ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދިނުމާ ބެހޭ އުސޫލުތައް

ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު: ދަރަންޏާ ބެހޭ ބިލާ ގުޅޭގޮތުން މަމްދޫހު ވިދާޅުވީ ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ދަރަނި މެނޭޖްކުރުން ކަމަށް -- ފޮޓޯ/ މަޖިލިސް

ބިލު ހުށަހަޅުއްވާ މެންބަރު މަމްދޫހު ވިދާޅުވި ގޮތުގައި މި ބިލުގެ އެއް ބޭނުމަކީ ގައުމުގެ އިގުތިސާދީ ފުދުންތެރިކަން ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއް ކަށަވަރުކުރުމެވެ. އަދި، ކުރިއަށް އޮތް ތަނުގައި ނަގާ ދަރަނިން ގައުމުގެ އިގްތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު، މި ބިލާއެކު ވަޒަން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބިލަށް ވަނީ މި ހަފުތާގެ އާދިއްތަ، ހޯމަ އަދި މިއަދު ބޭއްވި ޖަލްސާގައި ވެސް ފުޅާދާއިރާއެއްގައި މެންބަރުން ބަހުސްކުރައްވާފައެވެ.

އެގޮތުން މި ބިލާ އެއްކޮޅަށް ވަކާލާތު ކުރައްވާ، ސަރުކާރުގެ ކޮންމެ މެންބަރަކު ވެސް ވަނީ ގައުމުގެ ދަރަނި 120 ބިލިއަނަށް އަރާފައި ވަނީ މިދިޔަ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ އެމްޑީޕީގެ ނިމިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ތުހުމަތުތައް ވެސް ކޮށްފައެވެ.

ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް