ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރު ކުރަނީ ވައުދާ ޚިލާފަށް: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: -- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރުން ދީފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަ ނުކުރަނީ ރިޔާސީ އިންތިޚާބުގައިވި ވައުދާ ޚިލާފަށް ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިބި މީހުންގެ އަދަދު ވަންހަނާކުރާތީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ބޭރުކޮށްލީ، ރިޔާސީ އިންތިޚާބުގައި އޭރު ވީ ވައުދާ ޚިލާފަށް ކަމަށެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާތީ، އެ މައުލޫމާތު ހާމަ ކުރުމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މީކާއީލްވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެ މައްސަލައިގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ދީފައިވާ އިޚުތިޔާރުގެ ބޭނުން ހިފައި، ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކޮށްފައިވާކަމެވެ.

ޕީއެންސީގެ ސުޕަމެޖޯރިޓީ މިހާރު އޮންނަ މަޖިލީހުން އެ މައްސަލަ ބޭރުކޮށްލީ 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލައަށް ބަހުސް ކުރުމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.

ފައްޔާޒް ވިދާޅުވީ ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ، ސަރުކާރަށް އިގްތިސާދު މެނޭޖްކުރަން ނޭނގި، ރައްޔިތުންނަށް ދޮގު ހަދައި، އޮޅުވާލުމުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށެވެ.

https://sun.mv/193877

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށްދަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވަނީ، މި ސަރުކާރުގެ ސިޔާސީ މަގާމުތައް 2،000އަށްވުރެ އިތުރު ކަމަށް ވިދާޅުވެފައެވެ. އަދި އެ މީހުންގެ މުސާރައަށް މަހަކު 700 މިލިއަން ރުފިޔާ މި ސަރުކާރުން ޚަރަދުކުރަމުން އަންނަ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ، އެ މަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ މަގާމުތައް 700އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް ވައުދުވެ، ވަޑައިގެންނެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމަވާފައިވާ ކަމަށް ރައީސް މުޢިއްޒުވަނީ މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރައްވާފައެވެ.

comment ކޮމެންޓް