މިހާރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ވަނީ، މި ބިލާމެދު އެއްވެސް ޚިޔާލެއް އޮތްނަމަ އަންނަ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް ނުވަތަ މަޖިލީހުގެ އިދާރައަށް ލިޔުމަކުން ފޮނުވުމަށް އެދިފައެވެ.
ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލަކީ މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ނިންމާ ބިލު ބޭރުކޮށްލީ މާޗު މަހުގެ 26ގައެވެ. އެއީ 19ވަނަ މަޖިލީހުގެ އެންމެ ފަހު ހަފުތާތަކުގެ ތެރޭގައެވެ.
ސަރުކާރުން ހުށަހެޅި އެ ބިލު ބޭރުކޮށްލާފައި ވަނީ ރިޔާސަތުގެ ވޯޓަކާ ވެސް އެކުއެވެ.
އެ ބިލު މަޖިލީހުން ބޭރުކޮށްލީ އޮޅުވައިލުމެއްގެ ތެރެއިން އުސޫލުން ބޭރުން އަމަލުކުރުމަށްފަހު ކަމަށް ޕީއެންސީން ވަނީ ތުހުމަތު ވެސް ކޮށްފައެވެ.
މި ބިލު އަލުން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 10ވަނަ ދުވަހުއެވެ. އަލުން އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ފުވައްމުލައް މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. އެ ބިލު އަލުން މަޖިލީހަށް ހުށަހެޅިއިރު އޮތީ ކުރިން ވެސް ހުށަހެޅިއިރު އޮތް ގޮތަށެވެ.
އެ ބިލުގައިވާ ގޮތުން ސޮވަރިން ފަންޑު ބަލަހައްޓަން 'ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް'ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެއް އުފައްދާނެއެވެ.
ކޮންމެ ތިން މަހުން އެއް ފަހަރު ފަންޑުގެ ރިޕޯޓެއް އެ އޮފީހުގެ ސީއީއޯ ގަވަނިން ކައުންސިލަށް ހުށަހަޅަން ޖެހޭއިރު އެ ރިޕޯޓުގައި ފަންޑަށް ޖަމާކުރި ފައިސާ އާއި ޚަރަދުތަކާއި އިންވެސްޓްމަންޓުތައް އަދި ބާކީ ހުރި މިންވަރު ބަޔާންކުރަން ޖެހޭނެއެވެ.
އަދި މި ފަންޑަށް ޖަމާކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ ގަވަނިން ކައުންސިލްގެ ލަފައާއެކު ރައީސް މުއިއްޒެވެ. މި ފަންޑުގެ ކަސްޓޯޑިއަންއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އެވެ.
އެސްޑީއެފްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އުފެއްދި ފަންޑެކެވެ. މި ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށް ޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ޓަކައި އުފެއްދި ފަންޑެކެވެ.
މި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު އެސްޑީއެފަށް 130 މިލިއަން ޑޮލަރު ޖަމާކުރުމެވެ.