އިދިކޮޅު ބަޔަކު މަޖިލީހަށް ހޮވުމުން ހެވެއް ނުލިބޭނެކަން، އެސްޑީއެފް ބިލް ބޭރުކުރުމުން އެނގޭ: ރައީސް

ރައީސް ހއ. ވަށަފަރުގައި: މި އަހަރުގެ ތެރޭގައި ވަށަފަރުގެ ބިން ހިއްކަން ފަށާނެ ކަމަށް ރައީސް ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ބަޔަކު ހޮވުމުން ރައްޔިތުންނަށް ހެވެއް ނުލިބޭނެކަން، ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ބިލް ބޭރުކުރުމުން އެނގޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ)ގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު ބޭރުކޮށްލީ އެއްވެސް ސަބަބަކާ ނުލާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މި ފަންޑަކީ ދަރަނިތަކަށް ބޭނުންކުރަން ހުރި ފަންޑެއްގެ ބަދަލުގައި އެކި ކަހަލަ ބޭނުން ޖެހުމުން ބޭނުންކުރާ އެއްޗަކަށްވެފައި ވާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެގޮތް ބޭނުން ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މެނިފެސްޓޯގައި ވެސް އަދި ވައުދެއް ގޮތުގައި ވެސް އޮންނާނީ ވެފައި، ސޮވަރިން ޑިވެލޮޕްމަންޓު ފަންޑު ހިމާޔަތްކޮށް އެއީ، މިދިޔަ ސަރުކާރުން އޭގައި ހުރި ޑޮލަރުކޮޅު ރުފިޔާއަށް ވެސް ބަދަލުކުރި. ރުފިޔާގެ ބަދަލުގައި ޑޮލަރު ޖަމާކުރާ ފަންޑެއްގެ ގޮތުގައި ބަންދުކޮށް އެ ފަންޑަށް ޚާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރަން ބޭނުންވާކަމަށް،" ރައީސް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ އިގްތިޞާދު ހަމަމަގަށް އެޅުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން މަޖިލީހަށް ފޮނުވި އެންމެ ފުރަތަމަ ބިލަކީ ވެސް ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާރު އެއޮތީ ބިލު ބޭރުކޮށްލާފަ. ކޮބާތޯ ސަބަބެއް. އެއްވެސް ސަބަބެއް ނެތް. އެއޮތީ އެކަން ވެސް ކުރެއްވި ގޮތް ފެންނަން. ދެން ކީއްކުރަންތޯ މި ވިސްނުމުގައި ތިބި ބަޔަކު ކުރިއަށް އޮތް މަޖިލީހަށް ހޮވަންވީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ވަނީ މި ފަންޑު ވިއްސިވިހާލި ކޮށްލާފައި ކަމަށާއި މި ފަންޑު ހަމަމަގަށް އެޅުވީ މިސަރުކާރުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމާ ބިލު ބޭރުކޮށްލީ އިއްޔެ ބޭއްވި ޖަލްސާގައެވެ. މި ބިލް ބޭރުކޮށްލާފައި ވަނީ ރިޔާސަތުގެ ވޯޓަކާ ވެސް އެކުއެވެ.

މި ސަރުކާރުން ހަވާލުވުމަށްފަހު ސޮވަރިން ޑިވެލޮޕްމަންޓު ފަންޑަށް މިހާރު 30 މިލިއަން ރުފިޔާ އެއްކުރައްވާފައި ވަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ މި އަހަރު ނިމޭއިރު 130 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކުރުން ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މިކަން މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް ވަނީ ހާމަކުރައްވާފައެވެ.

ސޮވަރިން ޑިވެލޮޕްމަންޓު ފަންޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ. މި ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށް ޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ޓަކައި އުފެއްދި ފަންޑެކެވެ.

comment ކޮމެންޓް