ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ނުހެދޭ ގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި އިސްލާހުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި މައްސަލަ ދިރާސާކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ، ގާނޫނީ ތައުލީމު ފަށައިގެން މިހާރު ކުރިއަށްދާ ޑިގްރީ ޕްރޮގްރާމްތަކުގެ ދަރިވަރުން އެ އިސްލާހުން އިސްތިސްނާކުރުމަށެވެ.
މީގެ އިތުރުން އެ އާ އުސޫލު ހަމައެކަނި އަލަށް ފަށާ ޕްރޮގްރާމްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް ތަންފީޒުކުރުމާއެކު، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކުރިންވެސް އޮތް ގޮތަށް އޮންލައިންކޮށް އިމްތިހާނުތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބާ ކައުންސިލަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ގާނޫނީ ތައުލީމުގެ 'މިނިމަމް ސްޓޭންޑާޑްސް' އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ބާ ކައުންސިލުން ގެނައި އިސްލާހުގައި ވަނީ، އަންނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް، އިމްތިހާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފައެވެ.
ނަމަވެސް އެ އިސްލާހު އެހެން އޮތް ނަމަވެސް، ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ކުރިއަށް ގެންދިއުމުގެ އިޚުތިޔާރު މަތީ ތައުލީމުދޭ މަރުކަޒުތަކަށް ލިބިގެންވާ ކަމަށާއި، މާލެ އަންނަން އުނދަގޫވާ ދަރިވަރުންނަށް އެ ދަރިވަރަކު ދިރިއުޅޭ ރަށެއްގައި ތިބެގެން އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އިސްލާހު ހުރަސްނާޅާ ކަމަށްވެސް އެ ކައުންސިލުން ކުރިން ބުނެފައިވެއެވެ.
އެ ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ދަރިވަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، އެ ކޯސްތަކުގައި ދަރިވަރުން ބައިވެރިވީ އޮންލައިންކޮށް ކިޔެވުމާއި އިމްތިހާނު ހެދުމުގެ ފުރުސަތު އޮތް ކަމަށް ބަލައިގެން ކަމަށެވެ.
މީގެއިތުރުން ކޯހުގެ މެދުތެރެއިން އެފަދަ އަސާސީ ޝަރުތެއް ބަދަލުކޮށް، މަރުކަޒަކަށް ހާޒިރުވާން މަޖުބޫރުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ބުނެ، ދަރިވަރުން އެދިފައިވަނީ މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް ނިމިގެން އަލަށް ފެށޭ ޕްރޮގްރާމްތަކަށް އެ އުސޫލު ހިންގުން ފަސްކޮށްދިނުމަށެވެ.
ގާނޫނީ ފަންނުގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ހާޒިރުވެގެން ހަދަން ޖެހޭ ގޮތަށް ބާ ކައުންސިލުން އެކުލަވާލި އުސޫލާ މެދު ކަންބޮޑުވުން އުފެދިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވަމުންނެވެ.
އެގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވެސް ގެންދަވަނީ ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވަމުންނެވެ.