ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ބޭރުކޮށްލި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު، (އެސްޑީއެފް ބިލް) ސަރުކާރުން އަލުން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމާ ބިލު ބޭރުކޮށްލީ މާޗު މަހުގެ 26ގައެވެ. އެއީ 19ވަނަ މަޖިލީހުގެ އެންމެ ފަހު ހަފުތާތަކުގެ ތެރޭގައެވެ.
ސަރުކާރުން ހުށަހެޅި އެ ބިލު ބޭރުކޮށްލާފައި ވަނީ ރިޔާސަތުގެ ވޯޓަކާ ވެސް އެކުއެވެ.
އެ ބިލު މަޖިލީހުން ބޭރުކޮށްލީ އޮޅުވައިލުމެއްގެ ތެރެއިން އުސޫލުން ބޭރުން އަމަލުކުރުމަށްފަހު ކަމަށް ޕީއެންސީން ވަނީ ތުހުމަތު ވެސް ކޮށްފައެވެ.
އަލުން އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ފުވައްމުލައް މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. އެ ބިލު އަލުން މަޖިލީހަށް ހުށަހެޅިއިރު އޮތީ ކުރިން ވެސް ހުށަހެޅިއިރު އޮތް ގޮތަށެވެ.
މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.
އޭގައިވާ ގޮތުން ސޮވަރިން ފަންޑު ބަލަހައްޓަން 'ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް'ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެއް އުފައްދާނެއެވެ.
ކޮންމެ ތިން މަހުން އެއް ފަހަރު ފަންޑުގެ ރިޕޯޓެއް އެ އޮފީހުގެ ސީއީއޯ ގަވަނިން ކައުންސިލަށް ހުށަހަޅަން ޖެހޭއިރު އެ ރިޕޯޓުގައި ފަންޑަށް ޖަމާކުރި ފައިސާ އާއި ޚަރަދުތަކާއި އިންވެސްޓްމަންޓުތައް އަދި ބާކީ ހުރި މިންވަރު ބަޔާންކުރަން ޖެހޭނެއެވެ.
އަދި މި ފަންޑަށް ޖަމާކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ ގަވަނިން ކައުންސިލްގެ ލަފައައެކު ރައީސް މުއިއްޒެވެ. މި ފަންޑުގެ ކަސްޓޯޑިއަންއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އެވެ.
އެސްޑީއެފް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ. މި ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށް ޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށް ޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގެ އިތުރުން އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ޓަކައި އުފެއްދި ފަންޑެކެވެ.
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް މިހާރު 35 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.