މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނުން 29 ފޯނާއި ބަނގުރާ ފުޅިތަކެއް ހޯދައިފި

މާފުށީ ޖަލުން ފެނުނު ފޯންތަކެއް: ޖަލަށް ގަވާއިދާ ޚިލާފަށް ތަކެތި ވެއްދުން ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފައި -- ފޮޓޯ/ ފުލުހުން

މޯލްޑިވްސް ކަރެކްޝަނަލް ސާވީސްއާއި ފުލުހުންނާއި ސިފައިން ގުޅިގެން މާފުށީ ޖަލުގައި މިއަދު ހިންގި އޮޕަރޭޝަނުން 29 ފޯނާއި ބަނގުރާ ހަތަރު ފުޅި ހޯދައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މި އޮޕަރޭޝަންގައި މާފުށީ ޖަލުގެ އަށް ޔުނިޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ޔުނިޓުތަކުން ފޯންތަކާއި ބަނގުރާ ފުޅީގެ އިތުރުން 17 ޗާޖަރާއި، 12 ހެޑްސެޓާއި، ތިން ޕެންޑްރައިވާއި ތިން އިއާޕޮޑާއި، ތިން ކޭބަލާއި ދެ ސިމް ކާޑުގެ އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ޖުމުލަ 304 އޮފިސަރުން ބައިވެރިވި ކަމަށް ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ މާފުށީ ޖަލު ބަލައިފާސްކުރުމަށް ހިންގާ މި އޮޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ޖަލަށް އެތެރެކުރަމުންދާ ތަކެތި އަތުލައި، ގާނޫނާއި ގަވާއިދާ ޚިލާފަަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންއެއްކަމަށެވެ.

ހޯމް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި މިނިސްޓަރު އަލީ އިހުސާނާއި، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު މިއަދު މާފުށީ ޖަލަށް ވަޑައިގެން އޮޕަރޭޝަންގެ ކަންކަން ބައްލަވައިލެއްވިއެވެ.

ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެ، އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ދިވެހި ފުލުހުން ހިންގި ތަހުގީގަކުން ވަނީ ހާމަވެފައެވެ. އެ މީހުން ހައްޔަރުކުރަން ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ވަނީ ފަށައިފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަންގެ ތެރެއިން 13 އޮފިސަރަކު ހައްޔަރުކޮށް، 11 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ބާކީ ދެ މީހުންނަށް ޖެހީ ފަސް ދުވަސް ކަމަށް މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް