ހައްޖުން އަންނަ މީހުން ބަލައި ވީހާ ވެސް މަދު މީހުން ދިއުމަށް އެދިއްޖެ

ހައްޖުން އަންނަ މީހުން ބަލާ ވީހާ ވެސް މަދު މީހުން ދިއުމަށް އެޗްޕީއޭ އިން ލަފާދީފި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ބަލި ފެތުރޭތީވެ، ޙައްޖުން އެނބުރި އަންނަ މީހުން ބަލައި އެއާޕޯޓަށް ވީހާ ވެސް މަދު މީހުން ދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލަފާދީފިއެވެ.

އެޗްޕީއޭއިން މިއަދު އިލްތިމާސްކުރީ އެއާޕޯޓް، ޓެކްސީ، ބަސް އަދި ފެރީ ތެރޭގައި ވެސް ހުރިހާ އެންމެން ވެސް މާސްކު އެޅުމަށާއި ރޯގާޖެހި، ހުންއައިސް، ކެއްސާ އަދި ކިނބިހި އަޅާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށެވެ. އަދި އެފަދަ އަލާމާތެއް ހުއްޓާ މީހުން އެއްވެ އުޅޭ ތަނަކަށް ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

މީގެއިތުރުން ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ހައި ރިސްކް ފަރާތްތަކާ ގައިދުރުކުރުމަށް އެޗްޕީއޭއިން ވަނީ ލަފާ ދީފައެވެ.

ހަމަމިއާއެކު އެއްވެސް އަލާމާތެއް ހުރެ ގިނަ ދުވަސްވާނަމަ، ނުވަތަ ބޮޑުވަރުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހަތަރު ގުރޫޕަކަށް ބަހާލައިގެން ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވާއިރު، ދެ ގުރޫޕެއް ވަނީ މިހާތަނަށް ރާއްޖެ އައިސްފައެވެ.

ބާކީ ތިބި ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ އިތުރުން ބުރާސްފަތި ދުވަހެވެ.

https://sun.mv/193691

ހައްޖާޖީން ރާއްޖެ އަންނަ މި ދުވަސްވަރަކީ ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވުމުން އެޗްޕީއޭގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ފެތުރެމުން އަންނަ އާންމު ބަލިތަކުން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ހައްޖާޖީން އަންނަން ފެށިފަހުން ރާއްޖެއިން ވަނީ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ވެސް ފެނިފައެވެ.

https://sun.mv/193618

އެ ބައްޔާއި އިތުރު ބަލިތަކަށް ސަމާލުވުމަށް އައިޖީއެމްއެޗުގައި ވަނީ ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް ހުޅުވައިފައެވެ. އަދި ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އެ ހޮސްޕިޓަލަށް ޒިޔާރާތް ނުކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.

comment ކޮމެންޓް