ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ މީހުންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި ފުލޫ ކުލިނިކެއް ހުޅުވައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ފުލޫ ކުލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
އެ ކްލިނިކް ހުޅުވައިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00އިން ރޭގަނޑު 20:00އަށް ކަމަށާއި ކްލިނިކު ހުންނާނީ އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10ގައި ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ހައްޖާޖީން ރާއްޖެ އަންނަ މި ދުވަސްވަރަކީ ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ފެތުރެމުން އަންނަ އާންމު ބަލިތަކުން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ހައްޖާޖީން އަންނަން ފެށިފަހުން ރާއްޖެއިން ވަނީ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ފެނިފައެވެ. އެހެންވެ އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓުން ދެނެގަނެ އެ މީހުންގެ ފަރުވާ ވެސް ވަނީ ފަށާފައެވެ.
މެނިންގޮކޯކަލް ބައްޔަކީ ނައިސޭރިއާ މެނިންޖައިޓިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. މެނިންގޮކޯކަލް އިންފެކްޝަންތަކުގެ ތެރެއިން އެންމެ އާންމީ މެނިންޖައިޓިސް އާއި ލޭގެ އިންފެކްޝަންތަކެވެ.
އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- ހުން އައުން
- ބޮލުގައި ރިއްސުން
- ކަނދުރާ ވާންވުން
- މޭނުބައިކޮށް ހޮޑުލެވުން
- ވާނުވާ ނޭނގޭ ގޮތްވުން
- ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން
- ފިޓު ޖެހުން
- އަލިގަދަވުމުން އުނދަގޫވުން
- ވަރުދެރަވުން
- ނޭވާ އަވަސްވުން
އެޗްޕީއޭއިން ވަނީ ބަލީގެ ވެކްސިން ޖެހި ނަމަވެސް ނުވަތަ ނުޖަހާ ހުއްޓަސް ވެސް މެނިންގޯކޮކަލް އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދައްކަން އެދެފިއެވެ.