ޖަމީލުގެ ޕޯސްޓްމޯޓަމް މައްސަލައިގައި އަމަލުކުރި ގޮތާމެދު އެމްޑީޕީން ކަންބޮޑުވެއްޖެ

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެ ޕާޓީން ބުނީ މިހާރު ގާނޫނު އޮތް ގޮތުން ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މަރުވެފައިވާ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ޓަކައި މިހާރު އާއިލާގެ ހުއްދަ ބޭނުމެއް ނުވާނެ ކަމަށާއި ކޮންމެހެން އެ ކަން ކުރަން ނުޖެހޭ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގެ ހުއްދަ ހޯދަން ނުޖެހޭކަމަށެވެ.

އަދި އެއީ އެ ކަމުގެ ތެރެއަށް ހޯމް މިނިސްޓަރު ކޮންމެހެން ވަދެވަޑައިގަންނަވަން ޖެހޭ ވެސް ކަމެއް ނޫންކަމަށް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މުޙައްމަދު ޖަމީލު މިދިޔަ ހުކުރު ދުވަހު މަރުވުމާއެކު، މަރު ތަހުގީގު ކުރުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާގެ ހުއްދައާއެކު ގެންދިއުމަށް މިނިސްޓަރު އަލީ އިހުސާން އެންގެވި، އެންގެވުމަށް އިޝާރާތްކޮށެވެ.

ފުރަތަމަ ފުލުހުން ހަށިގަނޑު ގެންދަން އުޅުމުން އާއިލާއިން އެކަމާ ދެކޮޅު ހެދީއެެވެ. އެއާއެކު މިނިސްޓަރު ސަހަރާއަށް ވަޑައިގެން އާއިލާއާއެކު މަޝްވަރާކުރުމަށްފަހު ނިންމެވީ އާއިލާ ބޭނުންވި ގޮތަށް ކުރިއަށްދާށެވެ.

އެއާއެކު ފުލުހުންވަނީ ހަށިގަނޑު ވަޅުލުމުގެ ހުއްދަދީ އާއިލާއާ ޖަމީލްގެ ހަށިގަނޑު ހަވާލުކޮށްފައެވެ. އަދި ޖަމީލުގެ ހަށިގަނޑުވަނީ ފަތިހު ވަޅުލައިފައެވެ.

https://sun.mv/193711

"...ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި. ނުޖެހޭ ހަގީގަތުގައި މިހާރު ގާނޫނާ ގަވާއިދު އޮތް ގޮތުން، އާއިލާއިން ޕޯސްޓްމޯޓަމް ހެދުމުގެ ހުއްދަ ހޯދާކަށް، އެ ވާހަކަ ދައްކާކަށް ވެސް ނުޖެހޭ. އަދި ހޯމް މިނިސްޓަރު ވެސް އޭގެ ތެރެއަށް ވަންނާކަށް ނުޖެހޭ، ހޯމް މިނިސްޓަރާ ވެސް ބެހޭ ކަމެއް ނޫން ހަގީގަތުގައި،" ނާޒިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ ހިނގައިދިޔަ ގޮތާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އާދަޔާ ޚިިލާފު މަރުތައް ގިނަވަމުންދާތީ އެކަން ފާހަގަކޮށް، އެމްޑިޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕޯސްޓްމޯޓަމް ހެދުމާ ގުޅޭ ގަވާއިދެއް ވެސް އޮވެއެވެ. އެއީ "މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތްތަކުގެ ގަވާއިދު"އެވެ. އެ ގޮތުން ސުވާލު އުފެދޭ މަރެއް ހިނގައިފި ނަމަ، އެ މަރުގެ ސަބަބުތައް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަންޖެހެއެވެ.

އެ ގަވާއިދުގެ ހަތަރުވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޕޯސްޓްމޯޓަމް ހަދަންޖެހޭ ބާވަތުގެ މަރުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަތައް
  • އަމިއްލައަށް މަރުވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް
  • ގަސްތުގައި މީހަކު މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް
  • އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް
  • ގޮތް ނޭނގޭ މަރުގެ މައްސަލަތައް
  • ގުދުރަތީ ގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލަތައް

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ މި ފަދަ މަރެއް ހިނގައިފިނަމަ، މަރުގެ ސަބަބު ދެނެގަތުމަށް ޓަކައި ޕޯސްޓްމޯޓަމް ހެދުމަކީ ގާނޫނުގައި އޮތް ގޮތުން ލާޒިމު ކަމެއް ކަމަށެވެ.

އެ ގޮތުން މި ފަދަ މަރުތައް ތަކުރާރުވިޔަ ނުދިނުމަށް، މި ހިނދުން މި ހިނދަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ ފަދަ ކަންކަމަކީ އިތުރަށް ނުހިނގާނެ ކަންތައްތައްކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލެއްވިއެވެ.

މައުރޫފް: ސަރުކާރަށް ގޮވާލެއްވީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަންކަން ކުރުމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ޖަލުގައި ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ކުރާ އަނިޔާ ހުއްޓުވައި، އެ މީހުންގެ ހައްގުތައް ކަށަވަރުކުރުމަކީ އެމްޑީޕީން އަބަދު ވެސް ވަކާލާތު ކުރާ ކަމެއްކަމަށް އެ ޕާޓީން ބުންޏެވެ.

މި މަސައްކަތުގެ ތެރެއިން ބަންދުގައި ތިބޭ މީހުންނަށް އަނިޔާދިނުން ހުއްޓުވުމަށް ޓަކައި އެންޓި ޓޯޗާ ގާނޫނެއް ވެސް އެ ޕާޓީން ވުޖޫދުކޮށްފައިވެއެވެ. އެ ގާނޫނުގެ ދަށުން ޖަލުގައި ތިބޭ މީހުންނަށް ހައްގުތައް ނުދިނުމާއި އެ މީހުންގެ ހައްގުތައް ހިފެހެއްޓުމަކީ ގާނޫނީ ކުށް ކަމުގައިވަނީ ކަނޑައަޅާފައެވެ.

އެމްޑީޕީ ވެރިކަމުގައި ނޯންނައިރު މިފަދަ މައްސަލަތައް އިތުރުވެގެންދާ ކަމަށާއި، އެ ކަމުގެ ޝަކުވާ ވެސް އާންމުންގެ ތެރޭގައި އިތުރުވެގެންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ދެތިން ހަފުތާއެއްގެ ތެރޭގައި ގައިދީންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްޑީޕީންވަނީ ބުނެފައެެވެ.

އަދި މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަޅާނެ ފިޔަވަޅެއް ވެސް ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ ކުރީން ވެސް ރާއްޖޭގެ ޖަލުތަކުގައި މީހުންނަށް އަނިޔާކުރުމާއި، އަދި މީހުން މެރުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް