އަންނަ ސެޕްޓެމްބަރު މަހު އޭލެވެލްގެ ކިޔެވުން ފެށެންވާއިރަށް މާލޭގައި އަމީނިއްޔާ ސްކޫލާ އިންވެގެން ހުރި ކުރީގެ ސީއެޗްއެސްއީ އިމާރާތުގައި އަލުން އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަފީއު މިއަދު ވިދާޅުވީ، ފުރަމާލެއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރަށް ކަމަށެވެ. އެގޮތުން މިއަހަރު ގްރޭޑް 10 ގައި 1700 ދަރިވަރުން މާލޭގައި ކިޔަވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށް ޝަފީއު ވިދާޅުވިއެވެ.
މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި އަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީއެޗްއެސްއީ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެ ވާހަކަ ދަންނަވަން، ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
ޝަފީއު ވިދާޅުވީ މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށެވެ.
އަދި ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަ ވެސް މިހާރަށްވުރެ ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދިނުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި އޭލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ސީއެޗްއެސްއީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޭލެވެލް ދަރިވަރުންނަށް ޚާއްސަކޮށްގެން ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމުރީން ލިބޭނެ ޕްރޮގްރާމްތަކެއް ކައިރި މުސްތަގުބަލެއްގައި ފަށާނެ ކަމަށް މީގެ ކުރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިހާރު އޭލެވެލް މާލޭގައި ކިޔެވެނީ ހަމައެކަނި ވިލާ ހައި ސްކޫލާއި، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައެވެ. އޭލެވެލަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް މާލޭގައި ނެތެވެ.
ހުޅުމާލޭގައި ސީއެޗްސީގެ އިމާރާތް ގާއިމްކުރުމާއެކު މިހާރު އެ ތަނުގައި ކިޔަވާ ދަރިވަރުން ޖެހެނީ ހުޅުމާލެ ދާށެވެ.