އޭލެވެލްގައި ބައިވެރިވާ ދަރިވަރުން އިތުރުކޮށް، މަސައްކަތްތެރިކަން ދަސްކޮށްދެނީ

އެޑިއުކޭޝަން މިނިސްޓަރު: އޭނާ ވިދާޅުވީ އޭލެވެލް ކިޔަވާ ދަރިވަރުންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ފަށާނެ ކަމަށް -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އޭލެވެލް ދަރިވަރުންނަށް ޚާއްސަކޮށްގެން ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމުރީން ލިބޭނެ ޕްރޮގްރާމްތަކެއް ކައިރި މުސްތަގުބަލެއްގައި ފަށާނެ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ވަޒީރު ޝަފީއު ދެއްވި ޚިތާބުގައި ވިދާޅުވީ އުނގެނުމުގެ މައިދާނުގައި ދަރިވަރުން ތަފާތު ރޮނގުތަކުން ކުރިއަރައިގެން ދިއުމަކީ އެ ދަރިވަރުންގެ މުސްތަގުބަލަށާއި ގައުމުގެ ތަރައްގީއަށް ނުހަނު ބޭނުންތެރި ކަމެއް ކަމުގައެވެ. އެއީ، އިލްމީ ރޮނގުން ކަމުގައިވިޔަސް ކުޅިވަރުގެ ރޮނގުން ކަމުގައިވިޔަސް ނުވަތަ މަސައްކަތްތެރިކަމުގެ ރޮނގުން ކަމުގައިވިޔަސް އެ ކަމުން ފައިދާކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"މިއިން ކޮންމެ ރޮނގަކުން ވެސް ކުރިއަށް ދިއުމުގެ މަގުތައް ތަނަވަސްވެފައިވުމަކީ އެ ދަރިވަރުންގެ މުސްތަގުބަލަށާއި ގައުމުގެ ތަރައްގީއަށް ނުހަނު ބޭނުންތެރި ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، އޭލެވެލް މަރުހަލާގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް، ދަރިވަރުންނަށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމުރީނު ލިބޭނެ ގޮތަށް ފަރުމާކޮށްގެން ތަފާތު ޕްރޮގްރާމްތައް ކައިރި މުސްތަގުބަލެއްގައި ފެށުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އިލްމީ ފަންނުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ކާމިޔާބުވާނީ އެންމެން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ގުޅިގެން ކުރާ މަސައްކަތުން ކަމަށާއި ޚާއްސަކޮށް ސްކޫލުތަކާއި ބެލެނެވެރިންނާއި ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ، ހަރުދަނާ ވެގެން ކަމުގައި ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އޭލެވެލް އިމްތިހާނުގައި 45 ސެންޓަރަކުން 1,363 ދަރިވަރުން ބައިވެރިވިއެވެ.

ވޭތުވެ ދިޔަ އަހަރުގައި ވެސް އޭލެވެލް އިމްތިހާނުގައި އެކި ސެންޓަރުތަކުން ބައިވެރިވީ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި، ބައެއް މާއްދާތަކުން ދުނިޔޭގެ ވަނަތައް ވެސް ގިން ދަރިވަރުންތަކެއް ވަނީ ހޯދައިފައެވެ.

comment ކޮމެންޓް