ތުރުކީން ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް ދެމަހެއް ކުރިން ރާއްޖެ ގެނެސް ވަނީ ވިކިފައި: އެސްޓީއޯ

އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ: އެ ކުންފުނިން ބުނީ ތުރުކީން ރާއްޖެއަށް ގެނައި ފުށުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވިކިއްޖެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތުރުކީން ރާއްޖެއަށް ގެނައި ފުށުގެ އެންމެ ފުރަތަމަ ޝީޕްމަންޓު ރާއްޖެ ގެނެސް ދެ މަހެއްހައި ދުވަސްކުރިން ވިކިއްޖެ ކަމަށް ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ވެސް އެ ތަކެތި ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ތުރުކީއަކީ ރާއްޖެއިން ކާޑު ގަންނާނެ އެއް ގައުމު ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަށް އިޝާރާތްކުރައްވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، "އެންމެ ދިމާލަކަށް ބަރޯސާނުވާން ތުރުކީން ގެންނަ ބާވަތްތައް މިހާރު އަތުވެއްޖެތޯ" ސުވާލުކުރައްވާފައެވެ.

އެއަށް ޖަވާބުދެއްވާ އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވަނީ ތުރުކީން ގެނައި ފުށުގެ ޝިޕްމަންޓް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު މާލެއަށް އައި ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން "ސަން" އަށް އިތުރަށް މައުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ، އެ ޝިޕްމަންޓް އައިއިރު 20،800 ފުށް ބަސްތާ ގެނައި ކަމަށެވެ.

"އަބަދު ވެސް އަޅުގަނޑުމެން އެކި ގައުމުތަކުން ކުރާ ކަމެއް މީ ކާޑުގެ ބާވަތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ކައިރި އެހެން ގައުމުތަކުން ގެނައުން. އަދި މިހާރު ވެސް މިފަދަ ޝިޕްމަންޓުތަކަށް ވާނީ އޯޑަރު ޖަހާފައި،" އޭނާ ވިދާޅުވިއެވެ.

މާރުކޭޓު ސަރަހައްދުގައި ބިދޭސީއަކު އަލުވި ބަސްތާ ގުދަން ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ތުރުކީއަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ، އެ ގައުމުން ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

އޭރު ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް ގެނައުމުގައި އެއް ދިމާލަކަށް ބަރޯސާ ނުވާނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ އިތުރަށް 10 ޕަސެންޓު ލާފައި އެ އެއްބަސްވުން ހެދިކަމަށް ރައީސް ވިދާޅުވިއެވެ.

"ހަނޑޫ، ހަކުރު، ފިޔާ، ބިސް، އަލުވި ފަދަ ތަކެތި މިހާރު އެކި ގައުމުތަކުން ވަނީ ހަމަޖެހިފައި،" އޭރު ރައީސް ވިދާޅުވިއެވެ.

މިދިޔަ ރޯދަ މަހު ވެސް އެސްޓީއޯއިން ވަނީ، ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ ބަހަން ސަރުކާރުން ނިންމި، 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ބެހުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

comment ކޮމެންޓް