ގެވެށި އަނިޔާ ކުރިކަމުގެ މައްސަލައެއްގައި ފުވައްމުލަކުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިއަދު ފުވައްމުލަކު ގެއެއްގައި ހިނގާދިޔަ ގެވެށި އަނިޔާކުރުމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މިހާރު މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ސޯޝަލް މީޑިއާގައި އަންނަނީ ގެވެށި އަނިޔާ ލިބުނު އަންހެން މީހާގެ ފޮޓޯތަކެއް ވެސް ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އަންހެން މީހާގެ ލޯ ކައިރިއަށް ވަނީ ގެއްލުން ވެފައެވެ. އަދި އަންހެން މީހާގެ މުޅި މޫނު ވެސް ވަނީ އަނިޔާގެ ސަބަބުން ރަތްވެފައެވެ.
ގެވެށި އަނިޔާގެ މައްސަލަތައް ކޮންމެ މަހަކު ވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކުރެއެވެ.
އަދި މިފަދަ މައްސަލަތަކުގައި މަދުން ނަމަވެސް މީހުން ހައްޔަރުކޮށްފައިވެއެވެ.
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގެ މަރުހަލާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިދިޔަ މާޗު މަހުން ފެށިގެން ފަސޭހަކޮށްދީފައެވެ.
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގެ ފޯމް މިހާރު އޮންލައިންކޮށް ފުރޭނެއެވެ. އެގޮތުން ޕީޖީ އޮފީހުގެ ވެބްސައިޓަށް އެމީހެއްގެ އީފާސް ލޮގްއިން ބޭނުންކޮށްގެން ވަނުމުން، އެޕްލިކޭޝަންތަކުގެ މެނޫއިން "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދުން" ކިޔާ ޓެބެއް ފެންނާނެ ކަމަށާއި އެޓެބަށް ފިތާލުމުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު ފުރޭނޭ ގޮތް ހަމަޖެހިފައި ހުންނާނެއެވެ.