ރިޔާސީ ބަޔާން އިއްވާތީ މަޖިލިސް ހިމެނޭ ސަރަހައްދު މާދަމާ އާންމު ދަތުރުފަތުރަށް ބަންދު

މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުން: މިއަހަރުގެ ޖަލްސާއަށްވެސް ބޮޑު ބައެއް ބަންދުކުރަން ވަނީ ނިންމައިފަ -- ސަން ފޮޓޯ/ މޫސާ ނަދީމް

މާދަމާއަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަސްކަމުން، ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭހެން ބޮޑު ސަރަހައްދެއް ބަންދުކުރާނެކަން ފުލުހުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރެވެ. އެއީ ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލިސް ފެށޭ ޖަލްސާއެވެ.

ފުލުހުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭހެން، ހެނދުނު 7:00 އިން ފެށިގެން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ނިމެންދެން ބޮޑުބައެއް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ. މާދަމާ ބަންދުކުރާނެ ސަރަހައްދުވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެގޮތުން ފުލުހުން އާންމުކުރި މައުލޫމާތުުގައިވާ ގޮތުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބިދޭސީންނަށް ޚިދުމަތްދޭ ސެންޓަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ބޮޑުތަކުރުފާނު މަގު، މަޖީދިއްޔާ ސްކޫލުން ފެށިގެން ޗާންދަނީމަގާ ހަމައަށް އަމީރު އަޙްމަދު މަގު، ސަލްޓަން ޕާކާ ހަމައަށް މުޅި މެދުޒިޔާރަތް މަގު ބަންދުވާނެއެވެ.

އެ މަގުތަކާ ގުޅިފައިވާ ބައެއް ސަރަހައްދުތައްވެސް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ.

ފުލުހުން ވަނީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.

މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވީ ފެބްރުވަރީ މަހުގެ ހަވަނަ ދުވަހެވެ. އެ ދުވަހު ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާ އެކު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުކުރި މެންބަރުންގެ ނަން އިއްވައި، މެންބަރުން ނިކުންނަންދެން 12 މިނެޓަށް އެ ދުވަހު ޖަލްސާ މެދުކަނޑާލިއެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު އިހުތިޖާޖުކުރުމާ ގުޅިގެން ނަން އިއްވައި ނެރުނު މަޖިލިސް މެންބަރުން ވަނީ ފަހުން އިދާރާގެ ބޭރުގައި ވެސް އިހުތިޖާޖުކޮށްފައެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ގައުމުގެ ހާލަތު ބަޔާންކުރައްވައި، ކޮށްދެއްވާފައިހުރި ބައެއް ކަންކަމާއި ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރައްވައެވެ.

comment ކޮމެންޓް