ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން މާދަމާ ދެއްވާއިރު، މިދިޔަ އަހަރުގެ ބަޔާނުގައި ފާހަގަކުރެއްވި މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ސަރުކާރުން ފުރިހަމަކޮށްފައި ނުވާކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފެށުމަށް މާދަމާ ބާއްވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަވާނެއެވެ.
އެ ޖަލްސާއާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ، ކުރީގެ ރިޔާސީ ބަޔާންތަކުގައި ރައީސް ދައްކަވައިފައިވާ ވާހަކަފުޅުތައް ފާހަގަކޮށް، އޭގެ ތެރެއިން ގިނަ ކަންކަން ފުރިހަމަވެފައި ނުވާ ކަމަށް ބުނެފައެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ނިމިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގެ 90 އިންސައްތަ މަސައްކަތް ނުކުރެވިވާ ކަމަށާއި ގައުމު އޮތީ ދަރައިފައި ކަމަށެެވެ.

މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި -- ފޮޓޯ: މަޖިލިސް
އޭނާ ވިދާޅުވީ، އެއް އަހަރު ނިންމައި އަނެއް އަހަރުގެ ރިޔާސީ ބަޔާން އިއްވަވާއިރު އެ އަހަރުގެ ރިޔާސީ ބަޔާނުގައިވާ ކަންކަން ކޮށްނުދެވުނީ ކޮން ސަބަބަކާ ގުޅިގެންކަން ސަރުކާރުން ރައްޔިތުންނަށް ބުނެދޭން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު މި ދެންނެވިހެން ޖުމްލަ ގޮތެއްގައި 90 ޕަސެންޓް މަސައްކަތް ހުރީ ނުކުރެވި. އެކަމަކު މިއަދުގެ ހަގީގަތަކީ ބަޖެޓު އެއްކޮށް ހުސްވެގެން ދިޔައީ. އެއީ އަޅުގަނޑުމެން ކުރިމަތީގައި ފެންނަން މި އޮތް ހަގީގަތަކީ." ޣަފޫރު ވިދާޅުވިއެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ ތިންވަނަ ރިޔާސީ ބަޔާނެއް އިއްވާއިރު ގައުމުގެ ހާލަތު މިއަދު އޮތް ގޮތަށް ނަޒަރު ހިންގާލުން މުހިންމު ކަމަށެވެ. އެގޮތުން އޭނާ ވަނީ އިގްތިސާދީ ދުވެއްޔަށް ބަލާއިރު ނިމިދިޔަ 2025 ވަނަ އަހަރަށް އަންދާޒާކުރީ 6.5 ޕަސެންޓަށް އަރާނެ ކަމަށް ކަމަށާއި ނަމަވެސް އަހަރު ނިމުނުއިރު އިގުތިސާދު ހުރީ ފަސް ޕަސެންޓުގައި ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރަށް ނުފުއްދުނު ވައުދުތައް ކަމަށް އެމްޑީޕީން ބުނި ކަންތައްތަކުގެ ތެރޭގައި، ފައިސާ ޗާޕުނުކުރުމާއި ޑޮލަރުގެ އަގު ދަށްކުރުން ހިމެނެއެވެ.
މިދިޔަ އަހަރު ރައީސް ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި އެމްޑީޕީގެ މަޖިލީސް މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކުރަން ފަށާފައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އެ މެންބަރުންގެ ނަން އިއްވެވުމުން އެ މެންބަރުން ތަޅުން ދޫކުރައްވައި ވަޑައިގަންނަވަން ދެކޮޅު ހެއްދެވިއެވެ.
އެެހެންވެ، ރައީސް ރިޔާސީ ބަޔާން އިއްވެވުން މެދުކަނޑައިލެއްވިއެވެ. އެއަށްފަހު ރައީސް ވަޑައިގަތުމުން ވެސް އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރުމުން، ސެކިއުރިޓީ މެދުވެރިކޮށް އެ މެންބަރުން ތަޅުމުން ބޭރުކުރީއެވެ.