ޖަލަށް ޑުރަގު ވައްދައިދޭ ނެޓްވޯކް: 13 އޮފިސަރުން ހައްޔަރުކޮށްފި

ކަރެކްޝަންގެ ހެޑް އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންގަށް ބަދަލުކުރުން -- ފޮޓޯ/ ކަރެކްޝަން

ޖަލުތަކުގައި ތިބޭ ގައިދީންނަށް ފޯނާއި ޑުރަގާއި އެ ނޫން ވެސް ތަކެތި ވައްދައިދޭކަމުގެ ތުހުމަތުވާ ނެޓްވޯކްގައި ހިމެނޭ ކަރެކްޝަނަލް ސާވިސްގެ 13 އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެ، އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ދިވެހި ފުލުހުން ހިންގި ތަހުގީގަކުން ވަނީ ހާމަވެފައެވެ. އެ މީހުން ހައްޔަރުކުރަން ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ވަނީ ފަށައިފައެވެ.

ފުލުހުން ރޭ ބުނީ، އޭގެ ތެރެއިން ހައްޔަރުކޮށްފައިވަނީ އަށް މީހުން ކަމަށެވެ. އެކަމަކު، ފުލުހުން މިއަދު ބުނީ، އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި އޮފިސަރުންގެ އަދަދު މިހާރު 13 އަށް އަރާފައިވާ ކަމަށެވެ.

https://sun.mv/193662

އެއީ، ކ. މާފުށިން ހައްޔަރުކުރި ނުވަ އޮފިސަރުންނާއި ކ. ކާށިދޫން ހައްޔަރުކުރި ދެ މީހުންނާއި ހއ. އުތީމުން އެކަކު އަދި މާލެއިން އެކަކެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، އެ ނެޓްވޯކްގައި 18 އޮފިސަރުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރެއިން ހަ މީހަކު މިހާރު ވަޒީފާއިން ވަކިވެފައިވާއިރު ދެން ތިބި މީހުން ތިބީ އަދިވެސް ވަޒީފާގައި ކަމަށްވެއެވެ.

ފުލުހުން ބުނި ގޮތުގައި އެއީ ވިޔަފާރިއެއް ކުރާ ބައެއް ނޫން ނަމަވެސް އެކައުންޓުތަކުގައި މިލިއަނުން ފައިސާ ހުއްޓެވެ.

އެގޮތުން، ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.

https://sun.mv/193667

ފުލުހުން ބުނީ، މި ފައިސާ އެކައުންޓުތަކަށް ޖަމާވަމުން އައީ ޖަލުގައި ތިބި ގައިދީންގެ އެކައުންޓުތަކުންނާއި މާލޭގައި ކުށްކުރާ މީހުންގެ އެކައުންޓުތަކުން ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެހާ ބައިވަރު އަދަދެއްގެ ފައިސާ އެކައުންޓުތަކުން ދައުރުވާން ފުރުސަތު ލިބުނު މައްސަލަ "ކޮންމެހެން ވެސް" ބަލާނެ ކަމަށެވެ. ނަމަވެސް، އެކައުންޓުތަކަށް ފައިސާ ޖަމާވަމުން އައީ އެވްރެޖްކޮށް ވަރަށް ކުދިކުދި އަދަދުތަކަކުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް